ކ. މާލެ
|
29 އޮކްޓޯބަރ 2018 | ހޯމަ 19:51
ލިވަޕޫލް ކުޅުންތެރިން އުފާފާޅުކުރަނީ
ލިވަޕޫލް ކުޅުންތެރިން އުފާފާޅުކުރަނީ
ލިވަޕޫލް
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ކާޑިފް ބަލިކޮށް ލިވަޕޫލް އެއްވަނަ އަށް
ލިވަޕޫލް އެއްވަނައި ގައި އޮތީ 26 ޕޮއިންޓާއެކު

ޕްރިމިއާ ލީގުގައި ކާޑިފް ސިޓީ ބަލިކޮށް ލިވަޕޫލް ޕޮއިންޓް ތާވަލުގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ކާޑިފްއާ ވާދަކޮށް ލިވަޕޫލުން މެޗު ކާމިޔާބުކުރީ 1-4 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ލިވަޕޫލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން 10 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހުއެވެ.

މި ލަނޑަށްފަހުވެސް ރަނގަޅަށް ކުޅެމުންދިޔައީ ލިވަޕޫލުންނެވެ. އެގޮތުން އެޓީމުން ވަނީ ކާޑިފްގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ކާޑިފްގެ މައްޗަށް ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުންދިޔައީ ލިވަޕޫލުންނެވެ. އެގޮތުން 66 ވަނަ މިނެޓުގައި ސާޑިއޯ މާނޭ ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. އެހެންނަމަވެސް އޭގެ 10 މިނެޓު ފަހުން ޕެޓަސަން ކާމިޔާބުކުރި ލަނޑުން ކާޑިފް އިން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

ލިވަޕޫލުން ތިންވަނަ ލަނޑު ޖެހީ 84 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޝަގީރީއެވެ. އޭގެ ދެ މިނެޓު ފަހުން މާނޭ ވަނީ ލިވަޕޫލްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އޮތީ ކުޅުނު 10 މެޗުން 26 ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލުގެ އެއްވަނަ އަށް ޖެހިލާފައެވެ. މެޗުން ބަލިވި ކާޑިފް އޮތީ 10 މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 17 ވަނައިގައެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބްރައިޓަން އިން ވަނީ 0-1 ގެ ނަތީޖާއިން ވޮލްވްސްގެ މައްޗަށް ކުރިހޯދާފައެވެ. ފުލަމްގެ މައްޗަށް 0-3 ގެ ނަތީޖާއިން ބޯންމައުތް ކުރިހޯދިއިރު، ހަޑަސްފިލްޑްގެ މައްޗަށް 0-3 ގެ ނަތީޖާއިން ވަޓްފޯޑް ވަނީ ކުރިހޯދާފައެވެ. ލެސްޓާ ސިޓީ އަދި ވެސްޓްހަމް ބައްދަލުކުރި މެޗު އެއްވަރުވި އިރު، ސައުތްހެމްޕްޓަން އަދި ނިއުކާސަލް ބައްދަލުކުރި މެޗުވެސް ނިމުނީ އެއްވަރުވެގެންނެވެ.

- ކޮމެންޓް