ކ. މާލެ
|
27 އޮކްޓޯބަރ 2018 | ހޮނިހިރު 19:13
އެޓްލެޓިކޯގެ ފޯވާޑް ގްރިޒްމަން (ކ) އަދި ބާސާގެ ފޯވާޑް މެސީ (ވ)
އެޓްލެޓިކޯގެ ފޯވާޑް ގްރިޒްމަން (ކ) އަދި ބާސާގެ ފޯވާޑް މެސީ (ވ)
ރޮއިޓަރސް
އެންޓޯނިއޯ ގްރިޒްމަން
މެސީ ނުލައި ވެސް ބާސާ އަށް އެލްކްލެސިކޯ ކާމިޔާބުކުރެވޭނެ: ގްރިޒްމަން
އެލްކްލެސިކޯ މެޗު އޮތީ އާދީއްތަ ދުވަހުގެ ރޭ 20:15 ގައި

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ނުލާވެސް އެޓީމަށް އާދީއްތަ ދުވަހު އޮންނަ އެލްކްލެސިކޯ ކާމިޔާބުކުރެވޭނެ ކަމަށް އެޓްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އެންޓޯނިއޯ ގްރިޒްމަން ބުނެފިއެވެ.

އީއެސްޕީއެން އަށް ދިން އިންޓަވިއުއެއްގައި ގްރިޒްމަން ބުނީ އެލްކްލެސިކޯގައި މެސީ އަށް ނުކުޅެވުމަކީ ހިތާމަކުރާ ކަމެއް ކަމަށާއި، މެސީ ނުލާވެސް އެލްކްލެސިކޯ ކާމިޔާބުކުރެވޭފަދަ ކުޅުންތެރިން ބާސާގައި ތިބި ކަމަށެވެ.

އެގޮތުން ގްރިޒްމަން ބުނީ މިފަހަރުގެ އެލްކްލެސިކޯވެސް ވެގެންދާނީ އެހެން އެލްކްލެސިކޯތައް ފަދައިން ވަރަށް ބަލާހިތްވާފަދަ އެލްކްލެސިކޯއަކަށް ކަމަށާއި، ރެއާލް މެޑްރިޑުންވެސް މެޗަށް ނިކުންނާނީ ކުރިޔަށް ދިޔުމަށް މޮޅުވާން އަމާޒު ހިފައިގެންކަމަށެވެ.

ބާސާ އިން ރެއާލްއާ ދެކޮޅަށް ނިކުންނައިރު އެޓީމު އޮތީ ލީގުގައި ކުޅުނު ނުވަ މެޗުން 18 ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. ރެއާލް ކުޅުނު ނުވަ މެޗުން 14 ޕޮއިންޓް ހަމަކޮށްފައިވާއިރު، އެޓީމު އޮތީ ޕޮއިންޓް ތާވަލުގެ ހަތްވަނައިގައެވެ.

ރެއާލް ލީގުގައި ދަށް ނަތީޖާތަކެއް ހޯދަމުން އަންނައިރު، އެޓީމު ކުޅުނު ނުވަ މެޗުގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފައެވެ. ބާކީ ދެ މެޗުން އެއްވަރުވެފައިވާއިރު، އެޓީމު ވަނީ ހަތަރު މެޗުން މޮޅުވެފައެވެ. ބާސާ ލީގުގައި ކުޅުނު ނުވަ މެޗުގެ ތެރެއިން ފަސް މެޗު ކާމިޔާބުކޮށްފައިވާއިރު، ތިން މެޗުން ވަނީ އެއްވަރުވެފައެވެ. އެޓީމު ބަލިވީ އެންމެ މެޗަކުންނެވެ.

ބާސާ އަދި ރެއާލް ބައްދަލުކުރާ މެޗު ފަށާނީ އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:15 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް