ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހު ބާންލީއާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗަށް ޗެލްސީގެ ބެލްޖިއަމް ކެޕްޓަން އެޑެން ހަޒާޑް ފިޓްވާނެކަމާ މެދު ސުވާލު އުފެދިއްޖެއެވެ.
ޔުއެފާ ޔޫރޮޕާ ލީގުގައި ބުރާސްފަތި ދުވަހު ބޭޓް ބޮރިސޮވް އަތުން 0-3 ގެ ނަތީޖާއިން ޗެލްސީ މޮޅުވި މެޗުގައި ވެސް އަނިޔާގެ ސަބަބުން ހަޒާޑް ކުޅެފައިނުވާއިރު، އެ މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ ބޮރިސޮވްއާ ދެކޮޅަށް ބުރަކައްޓަށް ހަޒާޑް އަށް ނުކުޅެވުނަސް ބާންލީ މެޗަށް އޭނާ ފިޓުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެހެން ނަމަވެސް ހުކުރު ދުވަހު ޗެލްސީން ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކުގައި އަނިޔާވެފައިވާ ހަޒާޑް ބައިވެރިވެފައިނުވާއިރު، އޭނާ ބާންލީ މެޗަށް ފިޓުވާނެކަމާ މެދު ސުވާލު އުފެދެއެވެ.
ހަޒާޑް އަށް އަނިޔާވީ 2-2 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް އަތުން ޗެލްސީ އެއްވަރުވި މެޗުގައެވެ. އޭނާ އެ މެޗުގައި ފުރިހަމަ ވަގުތު ހަމަކުރި ނަމަވެސް މެޗުގައި ބުރަކައްޓަށް ތަދުވެގެން އަތް އަޅައިގެން އުޅުނު މަންޒަރު ވަނީ ފެނިފައެވެ.
ޗެލްސީއާ އެކު ހަޒާޑް ހަދާފައިވާ އެއްބަސްވުން 2020 ވަނަ އަހަރު ހަމަވާއިރު، ބެލެވޭ ގޮތުގައި ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ޗެލްސީ ދޫކޮށްލުމަށް ފަހު އޭނާ ރެއާލް އަށް ބަދަލުވާނެއެވެ.
ފްރާންސްގެ ލިއްލޭ އިން ކެރިޔަރު ފެށި ހަޒާޑް ވަނީ އެޓީމަށް ކުޅުނު 194 މެޗުގައި 50 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ޗެލްސީއަށް ބަދަލުވީ 2012 ވަނަ އަހަރުއެވެ. އޭނާ ވަނީ ޗެލްސީއަށް މިހާތަނަށް ކުޅުނު 310 މެޗުގައި 97 ލަނޑު ކާމިޔާބުކޮށްފައެވެ.
ޗެލްސީއާއެކު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައިވާ ހަޒާޑް ވަނީ އެ ޓީމާ އެކު ޕްރިމިއާ ލީގު ދެ ފަހަރު އަދި ފުޓްބޯލް ލީގު ކަޕް ވެސް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ބެލްޖިއަމް ގައުމީ ޓީމަށް ކުޅުނު 95 މެޗުގައި 27 ލަނޑު ކާމިޔާބުކޮށްފައެވެ.