ކ. މާލެ
|
27 އޮކްޓޯބަރ 2018 | ހޮނިހިރު 10:39
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު މާޒިޔާގެ އަސަދުﷲ އަބްދުﷲ (އަސައްކޮ)
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު މާޒިޔާގެ އަސަދުﷲ އަބްދުﷲ (އަސައްކޮ)
އެފްއޭއެމް
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު: ފަހުވަގުތު އީގަލްސް ބަލިކޮށް މާޒިޔާ ދެވަނަ އަށް
މާޒިޔާ ދެވަނަ އަށް ޖެހިލިއިރު، އީގަލްސް ވަނީ ތިންވަނަ އަށް ވެއްޓިފައި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފަހުވަގުތު ކްލަބް އީގަލްސް ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޕޮއިންޓް ތާވަލުގެ ދެވަނަ އަށް ޖެހިލައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އީގަލްސްއާ ވާދަކޮށް މާޒިޔާ އިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅުނީ މާޒިޔާއިންނެވެ. އެގޮތުން އެޓީމުން ވަނީ އީގަލްސްގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ފުރަތަމަ ހާފްގައި ލީޑު ނެގުމަށް އެންމެ ހުސް ފުރުސަތެއް ލިބިގެންދިޔައީ މާޒިޔާގެ ޔަސްފާދު ހަބީބު (މުލަކޭ) އަދި އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) އަށެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން އީގަލްސް އިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން އެޓީމުގެ އަހުމަދު ނޫމާން އާއި ހަސަން ރާއިފް އަށް ލިބުނު ފުރުސަތު ހިމެނެއެވެ.

މާޒިޔާ އިން މެޗުގެ ލީޑު ނެގީ 88 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އިމާޒް (އާއްކޮ) އެވެ. އިތުރުވަގުތުގައި އީގަލްސް އަށް ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ.

މި ނަތީޖާއާ އެކު މާޒިޔާ ވަނީ ކުޅުނު 11 މެޗުން 25 ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލުގެ ދެވަނަ އަށް ޖެހިލާފައެވެ. މެޗުން ބަލިވި އީގަލްސް އަށް ކުޅުނު 11 މެޗުން 23 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު ވަނީ ޕޮއިންޓް ތާވަލުގެ ތިންވަނަ އަށް ވެއްޓިފައެވެ. ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 30 ޕޮއިންޓާ އެކު އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް