ދިރާގު ދިވެހި ލީގުގައި އަލީ އަޝްފާގު (ދަގަނޑޭ) ކާމިޔާބުކުރި ދެ ލަނޑުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ މައްޗަށް ޓީސީ ސްޕޯޓްސް ކްލަބް ކުރި ހޯދައިފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗު ނިއުއާ ވާދަކޮށް ޓީސީން މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ހަތަރު ވަނަ މިނެޓުގައި ޓީސީން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ނަގައިދިން ހުރަހަކުން ކާމިޔާބުކުރީ ދަގަނޑޭއެވެ.
މި ލަނޑަށް ފަހު ދެ ޓީމަށް ވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ޓީސީގެ އިޝާން އިބްރާހިމް (ސައްޓު) އަދި ނިއުގެ މުހައްމަދު އުމައިރު އަށް ލިބުނު ފުރުސަތު ހިމެނެއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ފޭދޫ އިއްބެ އަށް ވަނީ ލަނޑު ޖެހުމަށް ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާ އިން ނިއުގެ މައްޗަށް ޓީސީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ނިއުގެ ފަރާތުން ހަމަލާތަކެއް ފެނިގެންދިޔައެވެ. އެޓީމަށް ވަނީ 56 ވަނަ މިނެޓުގައި ޕެނަލްޓީއެއް ލިބިފައެވެ. އެހެން ނަމަވެސް އަލީ ފާސިރު (ސެންޓޭ) ފޮނުވާލި މި ޕެނަލްޓީ ދިޔައީ ގޯލު ހުރަސް ދަނޑިމަތިން ބޭރަށެވެ.
ޓީސީން މެޗުގެ ލީޑު ފުޅާކުރީ 78 ވަނަ ވަނަ މިނެޓުގައެވެ. މި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ދަގަނޑޭއެވެ. ދަގަނޑޭ އަށް ވަނީ ހެޓްރިކް ފުރިހަމަކުރުމަށް ވެސް މެޗުގައި ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި ނަތީޖާއާއެކު ޓީސީ އެއް ވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް 10 މެޗުން 23 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް މާޒިޔާ އަށް ވަނީ 10 މެޗުން 22 ޕޮއިންޓް ލިބިފަ އެވެ. ލީގުގެ ހަތަރު ވަނައިގައި ނިއު އޮތީ 11 މެޗުން 21 ޕޮއިންޓާ އެކުއެވެ.