ކ. މާލެ
|
25 އޮކްޓޯބަރ 2018 | ބުރާސްފަތި 22:06
ވިކްޓްރީ އަދި ފޯކައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން
ވިކްޓްރީ އަދި ފޯކައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު: ވިކްޓްރީ އާއި ފޯކައިދޫ އަށް ހަމަހަމަ ނިމުމެއް
ވިކްޓްރީ އޮތީ ޕޮއިންޓް ތާވަލުގެ ހަވަނައިގައި
ފޯކައިދޫ އޮތީ ޕޮއިންޓް ތާވަލުގެ ހަތްވަނައިގައި

ދިރާގު ދިވެހި ލީގުގައި ވިކްޓްރީ ސްޕޯޓްސް ކްލަބް އަދި ށ.ފޯކައިދޫ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ބުރާސްފަތި ދުވަހު ހަވީރު ވިކްޓްރީ އަދި ފޯކައިދޫ ބައްދަލުކުރި މެޗު ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. އެގޮތުން ދެޓީމަށްވެސް ވަނީ ފުރަތަމަ ހާފްގައި ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ ދެވަނަ ހާފްގައި ވިކްޓްރީ އަށް ވަނީ ފުލުފުލުގައި ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އަދި ފޯކައިދޫގެ ބިދޭސީ ކުޅުންތެރިޔާ ޖަމާލް ޖަލީލް ހަލީލް އަށް ވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މި މެޗުން ފޯކައިދޫ މޮޅުވިނަމަ، އެޓީމަށް ޕޮއިންޓް ތާވަލުގައި ވިކްޓްރީއަށް ވުރެ ކުރިއަށް ޖެހިލެވޭނެއެވެ.

އެހެންނަމަވެސް މި ނަތީޖާއާއެކު ވިކްޓްރީ އޮތީ ކުޅުނު 11 މެޗުން 10 ޕޮއިންޓް ހަމަކޮށް، ޕޮއިންޓް ތާވަލުގެ ހަވަނައިގައެވެ. ވިކްޓްރީގެ ފަހަތުން ފޯކައިދޫ އޮތީ ކުޅުނު 11 މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތްވަނައިގައެވެ.

ލީގުގައި ދެން ވިކްޓްރީ ނިކުންނާނީ އަންނަ އަންގާރަ ދުވަހު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ހަމަ އެދުވަހު ފޯކައިދޫ ނިކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

- ކޮމެންޓް