ކ. މާލެ
|
25 އޮކްޓޯބަރ 2018 | ބުރާސްފަތި 22:03
ޔުވަންޓަސް އަށް ކުޅެމުން އަންނަ ޕައުލޯ ޑިބާލާ
ޔުވަންޓަސް އަށް ކުޅެމުން އަންނަ ޕައުލޯ ޑިބާލާ
ގެޓީ އިމޭޖަސް
ޕައުލޯ ޑިބާލާ
ރެއާލްގެ ހުށަހެޅުމަށް ޑިބާލާ ފުރަގަސްދީފި!
ޑިބާލާގެ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު

ރެއާލް މެޑްރިޑްގެ ހުށަހެޅުމަށް ޔުވަންޓަސް އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޕައުލޯ ޑިބާލާ ފުރަގަސްދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްޕެއިންގެ ނޫހެއްކަމަށްވާ ޑޮން ބެލޮން އިން ބުނީ ޑިބާލާ ހޯދުމަށް ރެއާލުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެގޮތުން އޭނާ އަށް ހުށަހެޅި ހުށަހެޅުން ބަލައިގަނެފައިނުވާ ކަމަށެވެ.

މި ނޫހުގައި ބުނެފައިވަނީ ރެއާލް އަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިން ހޯދުމަށް އެ ކްލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެހެންނަމަވެސް ގިނަ ކުޅުންތެރިން އެ ކްލަބްގެ ހުށަހެޅުންތަކަށް ފުރަގަސްދީފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ޑިބާލާ ބޭނުންވަނީ ޔުވަންޓަސްގައި މަޑުކޮށް، އެ ކްލަބާއެކު ކާމިޔާބީތައް ހޯދުމަށެވެ. އެގޮތުން އޭނާގެ އެއްބަސްވުމާ އެއްގޮތަށް 2022 ވަނަ އަހަރުގެ ނިޔަލަށް ކްލަބްގައި މަޑުކުރާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޔުވަންޓަސްއާ 2015 ވަނަ އަހަރު ގުޅުނު އުމުރުން 24 އަހަރުގެ ޑިބާލާ ހޯދުމަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާވެސް ހިމެނެއެވެ.

ޔުވަންޓަސް އަށް މިހާތަނަށް ކުޅުނު 150 މެޗުގައި 73 ލަނޑު ކާމިޔާބުކޮށްފައިވާ ޑިބާލާ ވަނީ އެ ކްލަބާއެކު ތިން އިޓާލިއަން ލީގު، ތިން ކޮޕާ އިޓަލިއާ އަދި އެއް ސްޕެނިޝް ސުޕާ ކަޕް ކާމިޔާބުކޮށްފައެވެ.

އާޖެންޓީނާ ގައުމީ ޓީމަށް 16 މެޗު ކުޅެފައިވާ ޑިބާލާ ވަނީ މިދިޔަ ދެ ސީޒަނުގައިވެސް އިޓަލީ ލީގުގެ ޓީމް އޮފް ދަ އިޔާގައި ހިމެނިފައެވެ. އަދި އޭނާ ވަނީ މިދިޔަ ސީޒަނުގައި ކޮޕާ އިޓަލިއާގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް