ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެޑް ސްޓާ އަތުން ލިވަޕޫލް ބޮޑު މޮޅެއް ހޯދިއިރު، ފަހުވަގުތު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ބަލިނުވެ ސަލާމަތްވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ ރެޑް ސްޓާއާ ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލުން ކާމިޔާބުކުރީ 0-4 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
ލިވަޕޫލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 20 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ރޮބަޓްސަންގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ރޮބާޓޯ ފިރްމިނޯއެވެ.
މި ލަނޑަށްފަހުވެސް ލިވަޕޫލުން ދިޔައީ ރެޑް ސްޓާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ފުރަތަމަ ހާފްގެ އިތުރުވަގުތުގެ ތެރޭގައި ޝަގީރީގެ އެހީތެރިކަމާއެކު މުހައްމަދު ސަލާހް ވަނީ ލިވަޕޫލަށް ލީޑު ފުޅާކޮށްދީފައެވެ.
ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ރެޑް ސްޓާގެ މައްޗަށް ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
Double delight. #LFC 4-0 vs Red Star#LFCU19s 2-1 vs Red Star U19s pic.twitter.com/gThUKe2MoS
— Liverpool FC (@LFC) October 24, 2018
ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުންދިޔައީ ލިވަޕޫލުންނެވެ. އެގޮތުން 51 ވަނަ މިނެޓުގައި އެޓީމުން ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ސަލާހްއެވެ.
ލިވަޕޫލަށް 76 ވަނަ މިނެޓުގައި އިތުރު ޕެނަލްޓީއެއް ވަނީ ލިބި ބޭކާރުވެފައެވެ. މި ޕެނަލްޓީ ކުރިޔަށް ފޮނުވާލީ ސާޑިއޯ މާނޭއެވެ. އެހެންނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން މާނޭ ވަނީ ލިވަޕޫލްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
މި ނަތީޖާއާއެކު ލިވަޕޫލް އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. މެޗުން ބަލިވި ރެޑް ސްޓާ އޮތީ ޕޮއިންޓަކާއެކު ގްރޫޕްގެ ފުލުގައެވެ.
We came close to a victory. We deserved more, but leave Paris very proud of the work and execution of our players. #ForzaNapoliSempre pic.twitter.com/ClZHwHoqf5
— Carlo Ancelotti (@MrAncelotti) October 24, 2018
މި ގްރޫޕްގައި ހިމެނޭ ޕީއެސްޖީ އާއި ނަޕޯލީ ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.
ޕީއެސްޖީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ނަޕޯލީންނެވެ. މި ލަނޑު 29 ވަނަ މިނެޓުގައި ކާމިޔާބުކުރީ އިންސިންގްނޭއެވެ.
މި ލަނޑަށްފަހުވެސް ނަޕޯލީން ޕީއެސްޖީގެ ގޯލަށް ނުރައްކާ ކޮށްފައިވާއިރު، ޕީއެސްޖީންވެސް ވަނީ ނަޕޯލީގެ ގޯލަށް ނުރައްކާކޮށް ލަނޑު ޖެހުމަށް މަސައްކަތް ކޮށްފައެވެ.
ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ޕީއެސްޖީގެ މައްޗަށް ނަޕޯލީ ކުރީގައި އޮވެގެންނެވެ.
What was your reaction to Ángel Di María's late golazo?#GOTW nominees coming at midnight!#UCL @NissanFootball
— UEFA Champions League (@ChampionsLeague) October 24, 2018
ދެވަނަ ހާފް ފެށިގެން ޕީއެސްޖީން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން 61 ވަނަ މިނެޓުގައި ނަޕޮލީގެ ރުއި އަތުން ބައިކޮޅަށް ވަތް ލަނޑުން ޕީއެސްޖީން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.
އެހެންނަމަވެސް 77 ވަނަ މިނެޓުގައި ނަޕޯލީން ވަނީ މެޗުގައި އަނބުރާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާޓެންސްއެވެ.
ޕީއެސްޖީ އަށް މެޗުގައި ޕޮއިންޓެއް ލިބުނީ، އިތުރުވަގުތުގައި ޖޫލިއަން ޑްރެސްލާގެ އެހީތެރިކަމާއެކު އެންހަލް ޑިމަރިއާ ކާމިޔާބުކުރި ލަނޑުންނެވެ.
މި ނަތީޖާއާއެކު ޕީއެސްޖީ އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ. ނަޕޯލީ އޮތީ ކުޅުނު ތިން މެޗުން ފަސް ޕޮއިންޓް ހޯދާ ގްރޫޕްގެ ދެވަނައިގައެވެ.