ކ. މާލެ
|
25 އޮކްޓޯބަރ 2018 | ބުރާސްފަތި 21:57
ބާސާ ކުޅުންތެރިން އުފާ ފާޅުކުރަނީ
ބާސާ ކުޅުންތެރިން އުފާ ފާޅުކުރަނީ
ޓްވިޓަރ
ޔުއެފާ ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ބާސާ މޮޅުވިއިރު، ޓޮޓެންހަމުން ފުރުސަތު ނަގާލައިފި
އިންޓަގެ މައްޗަށް ބާސާ ކުރިހޯދީ 0-2 ގެ ނަތީޖާއަކުން
ޓޮޓެންހަމް އެއްވަރުވީ ޕީއެސްވީއާ ވާދަކޮށް 2-2 ގެ ނަތީޖާއަކުން

ޔުއެފާ ޗެމްޕިއަންސް ލީގުގައި އިންޓަމިލާނާ ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބުކުރިއިރު، ޕީއެސްވީ އަތުން އެއްވަރުވެ ޓޮޓެންހަމުން ފުރުސަތު ނަގާލައިފިއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ބާސާ އިން ކާމިޔާބުކުރީ އިންޓައާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.

ބާސާ ދަނޑުގައި ކުޅުނު މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ އެޓީމުންނެވެ. އެގޮތުން 32 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒްގެ އެހީތެރިކަމާއެކު ރަފީނާ ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ.

މި ލަނޑަށްފަހުވެސް ބާސާ އިން ދިޔައީ އިންޓަގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ބާސާ އަށް ވަނީ ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ ރަފީނާގެ ލަނޑުން 0-1 ގެ ނަތީޖާއިން އިންޓަގެ މައްޗަށް ބާސާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ބާސާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، ލަނޑު ޖެހުމަށް އެޓީމުން ފުރުސަތުތަކެއް ތަނަވަސްކުރިއެވެ.

މި ހާފްގައި އިންޓަ އަށް ވަނީ ނަތީޖާ ހަމަހަމަކުރުމަށް ފުރުސަތުތަކެއް ލިބިފައެވެ. އެހެންނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެދެވޭ ގޮތުގައި ނުހިފެއެވެ.

ބާސާ އިން ލީޑު ފުޅާކުރީ 83 ވަނަ މިނެޓުގައެވެ. މި ލަނޑު އިވާން ރަކިޓިޗްގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޯޑީ އަލްބާއެވެ.

މި ނަތީޖާއާއެކު ބާސާ ވަނީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި ހަމަޖެހިލާފައެވެ. މެޗުން ބަލިވި އިންޓަ އޮތީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން ގްރޫޕްގެ ދެވަނައިގައެވެ.

މި ގްރޫޕްގައި ހިމެނޭ ޓޮޓެންހަމް އަދި ޕީއެސްވީ ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

ޕީއެސްވީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅުނީ ޓޮޓެންހަމް އިންނެވެ. އެހެންނަމަވެސް ޓޮޓެންހަމް އިން ރަނގަޅަށް ކުޅެމުން ދަނިކޮށް 30 ވަނަ މިނެޓުގައި ލޮޒާނޯ ވަނީ ޕީއެސްވީ އަށް މެޗުގައި ލީޑު ނަގައިދީފައެވެ.

މި ލަނޑާއެކު ޓޮޓެންހަމް އިން ވަނީ އިތުރު ހިތްވަރެއްލާ ޕީއެސްވީގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން 39 ވަނަ މިނެޓުގައި ލޫކަސް މޯރާ ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

އެހެންނަމަވެސް ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވަނީސް ޓޮޓެންހަމް އިން ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު ކްރިސްޓިއަން އެރިކްސަންގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ހެރީ ކޭންއެވެ.

މި ލަނޑާއެކު ޓޮޓެންހަމް އިން ރަނގަޅަށް ކުޅެމުން ދަނިކޮށް ހުރަސްތަކާ ކުރިމަތިވީ 79 ވަނަ މިނެޓުގައި އެޓީމުގެ ކީޕަރު ހޫގޯ ލޮރިސް ކުރި ފައުލަކާއެކު އޭނާ އަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.

އޭގެ ފައިދާ ނަގާ ޕީއެސްވީން ވަނީ ކުރިޔަށް ޖެހި އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން 87 ވަނަ މިނެޓުގައި އެޓީމުން ވަނީ ޑީޖޮންގްގެ ލަނޑުން ނަތީޖާ ހަމަހަމަކޮށްފައެވެ.

މި ނަތީޖާއާއެކު ޓޮޓެންހަމް އޮތީ ކުޅުނު ތިން މެޗުން ލިބުނު އެއް ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. ޓޮޓެންހަމްއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ޕީއެސްވީ އޮތީ ގްރޫޕްގެ ފުލުގައެވެ.

- ކޮމެންޓް