ނޭޕާލްގައި މިހާރު ކުރިޔަށްދާ 15 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.
ބުރާސްފަތި ދުވަހު ގްރޫޕް އޭގައި މުބާރާތް ބާއްވާ ގައުމު ނޭޕާލްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުން ބަލިވީ 0-4 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
ނޭޕާލްގެ ކަތަމަންޑޫގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ރާއްޖޭގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިގެންދިޔައިރު، ނޭޕާލުން ވަނީ ރާއްޖޭގެ ގޯލަށް ނުރައްކާ ކޮށްފައެވެ.
އެގޮތުން 28 ވަނަ މިނެޓުގައި ނޭޕާލުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރީ ޖާން ލިމްބޫއެވެ. މި ލަނޑަށް ފަހު ވެސް ނޭޕާލުން ދިޔައީ ރާއްޖޭގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނޭޕާލުން ލީޑު ފުޅާކުރީ 35 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ނަމަސް ތާޕާ މަގަރްއެވެ. ފުރަތަމަ ހާފް ނިމުނީ ނޭޕާލްގެ މޮޅު ކުޅުމާއެކު 0-2 ގެ ނަތީޖާއިން ރާއްޖޭގެ މައްޗަށް އެޓީމު ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެންވެސް ނޭޕާލްގެ ފަރާތުން އެޓޭކިން ފުޓުބޯޅައެއް ފެނިގެންދިޔައިރު، ރާއްޖެއިން ބޮޑަށް ފޯކަސް ކޮށްފައިވަނީ ޑިފެންސަށެވެ. އެގޮތުން ނޭޕާލްގެ ގިނަ ހަމަލާތައް ރާއްޖެއިން ވަނީ ދިފާއު ކޮށްފައެވެ. ނޭޕާލުން ތިންވަނަ ލަނޑު ކާމިޔާބު ކުރީ 63 ވަނަ މިނެޓުގައި ސަސަންކް ބޮހޯރާ ކާމިޔާބު ކުރި ލަނޑުންނެވެ. އޭގެ ފަސް މިނެޓު ފަހުން ނޭޕާލްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރީ ދިޕޭޝް ރާއިއެވެ.
މި ނަތީޖާއާއެކު ނޭޕާލް ވަނީ ތިން ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައަށް ޖެހިލާފައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ބަންގްލަދޭޝްއެވެ. ގްރޫޕްގެ ފަހު މެޗުގައި ނޭޕާލް ނިކުންނާނީ ހޮނިހިރު ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށެވެ. ގްރޫޕްގެ ފަހު މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ނިކުންނާނީ ހޯމަ ދުވަހުއެވެ.
މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ލިބޭނީ ގްރޫޕްގެ އެއްވަނަ އަދި ދެވަނަ ޓީމަށެވެ. އެގޮތުން ބަންގްލަދޭޝް ބަލިކޮށް ސެމީ އަށް ދިޔުމުގެ ފުރުސަތު ރާއްޖެ އަށް އަދި އެބަ އޮތެވެ. ގްރޫޕް ބީގައި ޕާކިސްތާން އާއި އިންޑިއާ އަދި ބޫޓާން ހިމެނޭއިރު، ފުރަތަމަ މެޗުގައި ޕާކިސްތާނުން ވަނީ 1-2 ގެ ނަތީޖާއިން އިންޑިއާ ބަލިކޮށް ގްރޫޕްގެ އެއްވަނައަށް ޖެހިލާފައެވެ.