ކ. މާލެ
|
25 އޮކްޓޯބަރ 2018 | ބުރާސްފަތި 21:56
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ވީނިއުސް
ވިނަ ދަނޑުތައް އެޅުން
ފީފާގެ ޕްރޮޖެކްޓުގެ ދަށުން ވިނަ ދަނޑު އަޅާ ރަށްތައް އިއުލާންކޮށްފި
އެފްއޭއެމުން ވަނީ 20 ރަށެއްގައި ދަނޑު އެޅުމަށް ނިންމާފައި

ފީފާގެ ޕްރޮޖެކްޓްގެ ދަށުން ވިނަ ދަނޑުތައް އަޅާ ރަށްތައް ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިއުލާންކޮށްފިއެވެ.

ވިނަ ދަނޑުތައް އަޅަން އެފްއޭއެމް އިން ނިންމާފައި ވަނީ ހދ.ކުޅުދުއްފުށި، ށ. މިލަންދޫ، ބ. އޭދަފުށި، އއ. މާޅޮސް، ދ. ކުޑަހުވަދޫ، ގދ. ތިނަދޫ، ތ. ތިމަރަފުށި، ސ. ފޭދޫ، ޏ. ފުވައްމުލަށް، ހއ. މުރައިދޫ، ށ. ފޯކައިދޫ، ބ. ފެހެންދޫ، އދ. ފެންފުށި، ފ. ނިލަންދޫ، ގދ. ހޯޑެއްދޫ، ހއ. ދިއްދޫ، ސ. ހިތަދޫ އަދި ރ. އަލިފުއްޓެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ލިބުމާއެކު ރަށްތަކުގައި ދަނޑުތައް އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

ނޫސްވެރިންނަށް ދާދި ފަހުން މައުލޫމާތު ދެއްވަމުން ބައްސާމް ވިދާޅުވީ، 20 ރަށެއް ގައި ވިނަ ދަނޑު އެޅުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި، އެ މަސައްކަތްތައް މަޑު ޖެހުނީ ރިޔާސީ އިންތިހާބު އޮންނާތީ އެކަމަށް ރަށްރަށުގެ ފޯކަސް އެނބުރިފައި އޮތުމުން ކަމަށެވެ.

އެފްއޭއެމުން ބުނީ ފީފާގެ ޕްރޮޖެކްޓްގެ ދަށުން އަތޮޅުތެރޭގެ 20 ރަށެއްގައި ވިނަ ދަނޑު އެޅުމަށް ނިންމާފައި ވާއިރު، މިހާރު އިއުލާންކުރެވިފައި ވަނީ 18 ރަށެއް ކަމަށާއި، ބާކީ ދެ ދަނޑު އަޅާނެ ރަށް ވެސް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ.

އަތޮޅު ތެރޭގައި ބޮޑެތި ދަނޑުތައް އެޅުމަށް އެފްއޭއެމް އިން ބޭނުންވާ އިރު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކުޅިވަރު މެނިފެސްޓޯގައި ހިމެނޭ އެންމެ ބޮޑު އެއް ވައުދަކީ ރާއްޖޭގެ ރަށްތަކުގައި ފުޓްސަލް ދަނޑުތައް އެޅުމުގެ ބަދަލުގައި ފުޓުބޯޅަ ދަނޑުތައް އަޅައިދެއްވުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް