ކ. މާލެ
|
24 އޮކްޓޯބަރ 2018 | ބުދަ 19:54
ސިޓީގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ސިޓީގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ރޮއިޓަރސް
ޔުއެފާ ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ސިޓީ އާއި ބަޔާން އަށް މުހިންމު މޮޅެއް
ސިޓީ އޮތީ ގްރޫޕްގެ އެފްގެ އެއްވަނައިގައި
ބަޔާން އޮތީ ގްރޫޕް އީގެ ދެވަނައިގައި

ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ އާއި ބަޔާން މިއުނިކް މުހިންމު މޮޅެއް ހޯދައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ގްރޫޕް އެފްގައި ކުޅުނު މެޗު ސިޓީން ކާމިޔާބުކުރީ ޝަހްތަރު ޑޮނެސްކްއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުންނެވެ.

ޝަހްތަރުގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 30 ވަނަ މިނެޓުގައި ސިޓީން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑޭވިޑް ސިލްވާއެވެ.

މި ލަނޑަށްފަހުވެސް ސިޓީން ދިޔައީ ޝަހްތަރުގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން 35 ވަނަ މިނެޓުގައި ސިޓީން ވަނީ ކެވިން ޑިބްރޭނާގެ އެހީތެރިކަމާއެކު ލަޕޯޓް ކާމިޔާބުކުރި ލަނޑުން ލީޑު ފުޅާކޮށްފައެވެ.

ފުރަތަމަ ހާފް 0-2 ގެ ނަތީޖާއިން ޝަހްތަރުގެ މައްޗަށް ސިޓީ ކުރީގައި އޮވެގެން ނިމުނިއިރު، ދެވަނަ ހާފްގައިވެސް މޮޅު ކުޅުމެއް ދައްކާފައިވަނީ ސިޓީންނެވެ.

އެގޮތުން އެޓީމުން ތިންވަނަ ލަނޑު ޖެހީ 71 ވަނަ މިނެޓުގައި ރިޔާދް މަހްރޭޒްގެ އެހީތެރިކަމާއެކު ބެނާޑޯ ސިލްވާ ކާމިޔާބުކުރި ލަނޑުންނެވެ.

މި ގްރޫޕްގައި ހިމެނޭ ހޮފެންހަމް އާއި ލިޔޯން ބައްދަލުކުރި މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.

މި ނަތީޖާއާއެކު ސިޓީ ވަނީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ހަމަކޮށް ގްރޫޕްގެ އެއްވަނައިގައި ހަމަޖެހިލާފައެވެ. ސިޓީގެ ފަހަތުން ފަސް ޕޮއިންޓާއެކު ލިޔޯން އޮތްއިރު، ތިންވަނައިގައި ދެ ޕޮއިންޓާއެކު އޮތީ ހޮފެންހަމްއެވެ. ފުލުގައި ލިޔޯންއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން އޮތީ ޝަހްތަރެވެ.

އަންގާރަ ދުވަހުގެ ރޭ ގްރޫޕް އީގައި ކުޅުނު މެޗު ބަޔާން އިން ކާމިޔާބުކުރީ އޭއީކޭ އެތެންސްއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.

އެތެންސް ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިފައިވާއިރު، ލަނޑު ޖެހުމަށް ބަޔާން އިން ފުރުސަތުތަކެއް ތަނަވަސްކުރިއެވެ.

ފުރަތަމަ ހާފް 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެން ނިމުނު ނަމަވެސް ދެވަނަ ހާފްގައި ބަޔާނުން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން 61 ވަނަ މިނެޓުގައި މާޓިނޭޒް ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ ލީޑު ނަގާފައެވެ.

ބަޔާނުން މެޗުގެ ލީޑު ފުޅާކުރީ 63 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރަފީނާގެ އެހީތެރިކަމާއެކު ރޮބާޓް ލެވެންޑޯސްކީއެވެ.

މި ގްރޫޕްގައި ހިމެނޭ އަޔަކްސް އާއި ބެންފީކާ ބައްދަލުކުރި މެޗު 0-1 ގެ ނަތީޖާއަކުން އަޔަކްސް އިން ވަނީ ކާމިޔާބުކޮށްފައެވެ.

މި ނަތީޖާއާއެކު ގްރޫޕްގެ އެއްވަނައިގައި ހަތް ޕޮއިންޓާއެކު އޮތީ އަޔަކްސްއެވެ. ދެވަނައިގައި އަޔަކްސްއާ އެއް އަދަކަށް ޕޮއިންޓް ހޯދައިގެން ހެޑް ޓު ހެޑުން ބަޔާން އޮތް އިރު، ތިންވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ބެންފީކާއެވެ. ފުލުގައި އެތެންސް އޮތީ ޕޮއިންޓެއް ނުލިބިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް