ކ. މާލެ
|
24 އޮކްޓޯބަރ 2018 | ބުދަ 16:06
ޑިބާލާ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ޑިބާލާ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ޔުނައިޓެޑު ބަލިކޮށް ޔުވަންޓަސް ދެވަނަ ބުރާ ގާތަށް!
ޔުވަންޓަސް އޮތީ ގްރޫޕްގެ އެއްވަނައިގައި

ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ޔުނައިޓެޑު ބަލިކޮށް ޔުވަންޓަސް މުބާރާތުގެ ދެވަނަ ބުރާ ގާތަށް ޖެހިލައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ގްރޫޕް އެޗްގައި ކުޅުނު މެޗު ޔުނައިޓެޑާ ވާދަކޮށް ޔުވަންޓަސް އިން މެޗު ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑު ދަނޑުގައި ކުޅުނު މެޗު ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅުނީ ޔުވަންޓަސް އިންނެވެ. އެގޮތުން އެޓީމުން ވަނީ ކުރިޔަށް ޖެހި ޔުނައިޓެޑުގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

ޔުވަންޓަސް އިން މެޗުގެ ލީޑު ނެގީ 17 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕައުލޯ ޑިބާލާއެވެ. މި ލަނޑަށްފަހު ވެސް ޔުވަންޓަސް އަށް ލީޑު ފުޅާކުރުމަށް ވެސް ވަނީ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

އެގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ނުރައްކާތެރި ހަމަލާވެސް ހިމެނެއެވެ. މި ހަމަލާ ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ ހުށިއާރުކަމާއެކު ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ޔުނައިޓެޑުގެ މައްޗަށް ޔުވަންޓަސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވެސް ޔުވަންޓަސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ލަނޑު ޖެހުމަށް ވެސް ހުސް ފުރުސަތުތަކެއް ވަނީ ލިބި ބޭކާރުވެފައެވެ.

މި ހާފުގައި ޔުނައިޓެޑުން ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސް ކުރަން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް މި ހާފުގައި ވެސް އެޓީމަށް ގޯލަށް އަމާޒުކޮށް މާ އެދެވޭ ހަމަލާތަކެއް ފޮނުވާލެވިފައެއް ނުވެއެވެ.

މި ގްރޫޕްގައި ހިމެނޭ ޔަންގް ބޯއިސް އާއި ވެލެންސިއާ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

މި ނަތީޖާއާއެކު ޔުވަންޓަސް އޮތީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނައިގައެވެ. ޔުވަންޓަސްގެ ފަހަތުން ތިން މެޗުން ހަތަރު ޕޮއިންޓާއެކު ޔުނައިޓެޑު އޮތްއިރު، ތިންވަނައިގައި ވެލެންސިއާ އޮތީ ދެ ޕޮއިންޓާއެކުގައެވެ. އަދި ފުލުގައި ޔަންގް ބޯއިސް އޮތީ ޕޮއިންޓަކާއެކުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް