ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި ވީއޭއެމް އެސޯސިއޭޝަން ކަޕްގައި ޕޮލިސް ކްލަބް ބަލިކޮށް ދިވެހި ސިފައިންގެ ކްލަބުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗު ޕޮލިހާ ވާދަކޮށް ސިފައިން މެޗު ކާމިޔާބު ކުރީ ތިން ސެޓް ދެ ސެޓުންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓް 17-25 އިން ގެންދިޔައީ ސިފައިންނެވެ. އެހެން ނަމަވެސް ދެވަނަ ސެޓް 17-25 އިން ޕޮލިހުން ވަނީ ކާމިޔާބު ކޮށްފައެވެ.
ތިންވަނަ ސެޓުގައި ދެޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު 27-29 އިން ކާމިޔާބު ކުރީ ސިފައިންނެވެ. ހަތަރުވަނަ ސެޓް 22-25 އިން ޕޮލިހުން ގެންދިޔަ ނަމަވެސް ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓް 7-15 އިން ސިފައިން ވަނީ ކާމިޔާބު ކޮށްފައެވެ.
ޕޮލިހުގެ މައްޗަށް ސިފައިން ކުރިހޯދާފައިވާއިރު، މުބާރާތުގެ ފުރަތަމަ ސެމީގައި ޕޮލިހުން ވަނީ ސިފައިންގެ މައްޗަށް ކުރިހޯދާފައެވެ. އެ މެޗު ޕޮލިހުން ކާމިޔާބު ކުރީ ތިން ސެޓު ދެ ސެޓުންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް އަދި މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިފައިންގެ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ސިފައިންގެ މުމްތާޒް އަލީއެވެ.
މުބާރާތުގެ ޑްރީމް ޓީމްގައި ހިމެނެނީ ޕޮލިހުގެ އަލީ ހުޒާމް (ހުޒާންޓެ) އާއި ޝުވައިބު އަބްދުއްލަތީފް އާއި މުހައްމަދު ނައީމް އާއި ސިފައިންގެ ސެޓަރު ހުސެއިން ޝާހިދު (ޝާޑު) އާއި ހުސެއިން ސައީދު (ސޭންޑީ) އާއި އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އަދި ހުޅުމާލެ ސްޕޯޓްސް ކްލަބްގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އެވެ.
މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކީ ހުޅުމާލެގެ ރައްޒާން ހޮވިފައިވާއިރު، ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ޕޮލިހެވެ.