ކ. މާލެ
|
23 އޮކްޓޯބަރ 2018 | އަންގާރަ 21:00
ރާއްޖޭގެ 19 އަހަރުން ދަށުގެ އަންހެން ފުޓުބޯޅަ ޓީމު
ރާއްޖޭގެ 19 އަހަރުން ދަށުގެ އަންހެން ފުޓުބޯޅަ ޓީމު
އެފްއޭއެމް
ޒުވާން އަންހެން ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޒުވާން އަންހެން ޓީމު ކޮޅަށް ޔޫއޭއީން 19 ލަނޑު ޖަހައިފި
ޔޫއޭއީ އަތުން ރާއްޖެ ބަލިވީ 0-19 ގެ ނަތީޖާއަކުން

ރާއްޖޭގެ 19 އަހަރުން ދަށުގެ އަންހެން ފުޓުބޯޅަ ޓީމު ކޮޅަށް ޔުނައިޓެޑް އަރަބް އެމިރެޓްސް (ޔޫއޭއީ) އިން 19 ލަނޑު ޖަހައިފިއެވެ.

އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތަށް ކޮލިފައިވުމަށް ގްރޫޕް ސްޓޭޖުގައި ހޯމަ ދުވަހު ކުޅުނު މެޗު ރާއްޖެއާ ވާދަކޮށް ޔޫއޭއީން ކާމިޔާބުކުރީ 0-19 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ކިރިޖިސްތާނުގައި ކުޅުނު މި މެޗު ފެށިގެން ތިން ވަނަ މިނެޓުގައި ޔޫއޭއީގެ ރަވާން އަބްދުﷲ ވަނީ ޔޫއޭއީ އަށް ލީޑު ނަގައިދީފައެވެ. ދެވަނަ ލަނޑު 12 ވަނަ މިނެޓުގައި ސަލްހާ ރާޝިދު ކާމިޔާބުކޮށްފައިވާއިރު، ތިންވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން 17 ވަނަ މިނެޓުގައި ޝާދް ހާލިދު ވަނީ ކާމިޔާބުކޮށްފައެވެ. އަދި 21 ވަނަ މިނެޓުގައި މޯޒާ އަލީ ވަނީ އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ޔޫއޭއީގެ ފަސްވަނަ ލަނޑު 27 ވަނަ މިނެޓުގައި އަލަނޯދް ހާލިދް ކާމިޔާބުކޮށްފައިވާއިރު، 33 ވަނަ މިނެޓުގައި ސަލްހާ ވަނީ ޔޫއޭއީގެ ހަވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ޔޫއޭއީގެ ހަތް ލަނޑު 37 ވަނަ މިނެޓުގައި ޝާދް ކާމިޔާބުކޮށްފައިވާއިރު، 39 ވަނަ މިނެޓުގައި ލައިލާ މުހައްމަދު ވަނީ އެޓީމުގެ 8 ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެ ހަތަރު މިނެޓު ފަހުން ލައިލާ ވަނީ އެޓީމުގެ ނުވަ ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-9 ގެ ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖޭގެ މައްޗަށް ޔޫއޭއީ ކުރި ހޯދައިގެންނެވެ.

ދެވަނަ ހާފް ފެށިގެން ވެސް މޮޅަށް ކުޅުނީ ޔޫއޭއީންނެވެ. އެގޮތުން 54 ވަނަ މިނެޓުގައި ސަލްހާ ވަނީ އެޓީމުގެ 10 ވަނަ ލަނޑު ކާމިޔާބުކޮށް މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އެޓީމުގެ 11 ވަނަ ލަނޑު 60 ވަނަ މިނެޓުގައި ރަވާން އަބްދުﷲ ކާމިޔާބުކުރި އިރު، އޭގެ މިނެޓެއް ފަހުން ސަލްހާ ވަނީ 12 ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މެޗުގެ 65 ވަނަ މިނެޓުގައި ޔޫއޭއީގެ 13 ވަނަ ލަނޑު ކާމިޔާބުކޮށް ލައިލާ ހެޓްރިކް ފުރިހަމަކޮށްފައިވާއިރު، 73 ވަނަ މިނެޓުގައި ސަލްހާ ވަނީ އެޓީމުގެ 14 ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެ މިނެޓެއް ފަހުން އެޓީމުގެ 15 ވަނަ ލަނޑު ކާމިޔާބުކޮށް ޝާދް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.  

މެޗުގެ 76 ވަނަ މިނެޓުގައި ލައިލާ ވަނީ ޔޫއޭއީގެ 16 ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. 80 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ސެންޑްޔާ ވަނީ އެޓީމުގެ 17 ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މެޗުގެ 88 ވަނަ މިނެޓުގައި ރަވާން ޔޫއޭއީގެ 18 ވަނަ ލަނޑު ކާމިޔާބުކޮށް ހެޓްރިކް ފުރިހަމަކޮށްފައިވާއިރު، އިތުރުވަގުތުގެ ތެރޭގައި ޝާއިކާ ސައީދް ވަނީ އެޓީމުގެ 19 ލަނޑު ކާމިޔާބުކޮށްފައެވެ.

ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން 0-12 ގެ ނަތީޖާއަކުން ގުއާމް އަތުން ވަނީ ބަލިވެފައެވެ. ކޮލިފައިންގައި ރާއްޖެ ދެން ނިކުންނާނީ ބުދަ ދުވަހު އުޒްބަކިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި ހުކުރު ދުވަހު ނިކުންނާނީ ކިރިގިސްތާނާ ދެކޮޅަށެވެ.

ހަތަރު ގްރޫޕް ހިމެނޭ މި ކޮލިފައިން ބުރުގައި ރާއްޖެ ލައްވާލާފައި ވަނީ ކިރިގިސްތާނާއި އުޒްބަކިސްތާނާއި ޔުނައިޓެޑް އަރަބް އެމިރެޓްސް އަދި ގުއާމްއާ އެކު ގްރޫޕް ސީގައެވެ. ރާއްޖެ ގްރޫޕް ފިޔަވާ އެހެން ހުރިހާ ގްރޫޕެއްގައި ވެސް ހަތަރު ޓީމު އޮތްއިރު، ރާއްޖެ ގްރޫޕްގައި ފަސް ޓީމް އެބަ އޮތެވެ.

ކޮލިފައިންގެ ދެވަނަ ބުރަށް ދަތުރުކުރާނީ އެންމެ ގިނައިން ގްރޫޕުން ޕޮއިންޓް ހޯދާ އެއް ޓީމަށެވެ. އަދި ހަތަރު ގްރޫޕަށް ބެލުމަށް ފަހު އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެވަނަ ޓީމަށް ވެސް ދެބަނަ ބުރުން ޖާގަ ލިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް