ކ. މާލެ
|
23 އޮކްޓޯބަރ 2018 | އަންގާރަ 18:54
ނިއު އަދި ފޯކައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން
ނިއު އަދި ފޯކައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު: ފޯކައިދޫގެ މައްޗަށް ނިއު ކުރިހޯދައިފި
ނިއު އޮތީ ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގައި
ފޯކައިދޫ އޮތީ ޕޮއިންޓް ތާވަލުގެ ހަތްވަނައިގައި
ފޯކައިދޫގެ މައްޗަށް ނިއު ކުރިހޯދީ 0-2 ގެ ނަތީޖާއަކުން

ދިރާގު ދިވެހި ލީގުގައި ށ. ފޯކައިދޫގެ މައްޗަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ކުރިހޯދައިފިއެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު މި މެޗު ފޯކައިދޫއާ ވާދަކޮށް ނިއު އިން މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅުނީ ނިއުއެވެ. އެގޮތުން އެޓީމަށް ވަނީ މެޗުގެ ފުރަތަމަ ހާފްގައި ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ނިއުގެ އިތުރުން ފޯކައިދޫ އަށް ވެސް ވަނީ ފުރަތަމަ ހާފްގައި ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާ އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ނިއު އިން ވަނީ އެ ޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން 57 ވަނަ މިނެޓުގައި އެ ޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ކިޕްސަންއެވެ.

މި ލަނޑަށް ފަހު ވެސް ނިއު އަށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވާއިރު، އެ ޓީމުން މެޗުގައި ޖެހި ދެވަނަ ލަނޑޫ 88 ވަނަ މިނެޓުގައި ކާމިޔާބުކުރީ އަލީ ފާސިރު (ސެންޓޭ) އެވެ. މިއީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ.

މި ނަތީޖާއާ އެކު ނިއު އޮތީ ކުޅުނު 10 މެޗުން ލިބުނު 21 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގައެވެ. މެޗުން ބަލިވި ފޯކައިދޫ އޮތީ ކުޅުނު 10 މެޗުން ލިބުނު 8 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތްވަނައިގައެވެ.

ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 10 މެޗުން 27 ޕޮއިންޓް ހަމަކޮށް ޓީސީ ސްޕޯޓްސް ކްލަބް އޮތް އިރު، ދެވަނައިގައި 10 މެޗުން 23 ޕޮއިންޓް ހަމަކޮށްގެން އޮތީ ކްލަބް އީގަލްސްއެވެ. އަދި ތިންވަނައިގައި 10 މެޗުން 22 ޕޮއިންޓް ހަމަކޮށްގެން އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއެވެ.

- ކޮމެންޓް