ރެއާލް މެޑްރިޑުގައި ހުންނަން ބޭނުން ނުވެގެން ކްރިސްޓިއާނޯ ރޮނާލްޑޯ ދިޔުމުން އެކަމާ ދެރަނުވާ ކަމަށް އެ ކްލަބަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފިލްޑަރު އިސްކޯ ބުނެފިއެވެ.
ރޮނާލްޑޯ މަތިން ހަނދާންވާތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން އިސްކޯ ބުނީ، ރެއާލްގައި ހުންނަން ބޭނުން ނުވެގެން ދިޔަ މީހަކާ މެދު ކަރުނަ އަޅަން ބޭނުން ނުވާ ކަމަށެވެ.
ރެއާލްއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު ރޮނާލްޑޯ ވަނީ މި ސީޒަނަށް ޔުވަންޓަސްއަށް ބަދަލުވެފައެވެ. އޭނާ އަންނަނީ ޔުވަންޓަސްގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.
ރެއާލް ފަހަކަށް އައިސް ދައްކަމުން އަންނަ ދަށް ކުޅުމުގެ ސަބަބުން އެ ކްލަބަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި އިސްކޯ ބުނީ ރެއާލްގެ ކޯޗުންނަކީ އަބަދުވެސް މީޑިއާތަކުގެ ސަމާލުކަމަށް އަންނަ މީހުން ކަމަށާއި، އަބަދުވެސް ތަފާތު ވާހަކަތައް ކޯޗާ ބެހޭ ގޮތުން ދައްކާ ކަމަށެވެ.
އިސްކޯ ބުނީ ރެއާލްގައި މިހާރު އޮތް ޓީމަށް އަދިވެސް ކާމިޔާބީ ހޯދޭނެ ކަމަށާއި، ކޯޗަށް ކުޅުންތެރިންގެ ފުރިހަމަ އިތުބާރު އޮތް ކަމަށެވެ. އަދި މި ސީޒަންވެސް ކާމިޔާބު ސީޒަނަކަށް ހެދުމަށް ވަގުތު އޮތްކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ކޯޗަށް ފުރުސަތު ދޭން ޖެހޭކަމަށާއި، އޭނާ އައިތާ އަދި ދެމަސްވެސް ނުވާ ކަމަށް އިސްކޯ ވަނީ ބުނެފައެވެ. އޭނާ ބުނީ ރެއާލް އަށް ދިމާވެފައިވާ މައްސަލައަކީ ހަމައެކަނި ކޯޗާ ހިސާބުން ނިމޭނެ ކަމެއް ނޫން ކަމަށެވެ.
ވެލެންސިއާ އިން ކެރިޔަރު ފެށި އިސްކޯ ވަނީ މަލާގާ އަށް ވެސް ކުޅެފަ އެވެ. އެގޮތުން އޭނާ ވަނީ މަލާގާއާ އެކު ހޭދަކުރި ދެ ސީޒަނުގައި އެޓީމަށް ކުޅުނު 82 މެޗުގައި 17 ލަނޑު ކާމިޔާބުކޮށްފައެވެ. މަލާގާ ދޫކޮށްލުމަށް ފަހު އިސްކޯ ރެއާލްއާ ގުޅުނީ 2013 ވަނަ އަހަރެވެ.
އެގޮތުން އޭނާ ވަނީ އެ ކްލަބުގައި މިހާތަނަށް ހޭދަކުރި ހަތަރު ސީޒަނުގައި ކުޅުނު 248 މެޗުގައި 43 ލަނޑު ކާމިޔާބުކޮށް، ލަލީގާ، ސްޕެނިޝް ސުޕާ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ފީފާ ކްލަބް ވާރލްޑްކަޕް ތިންފަހަރު، ޔުއެފާ ސުޕާ ލީގު ތިން ފަހަރު އަދި ކޮޕާޑެލްރޭ ކާމިޔާބުކޮށްފައެވެ.
ކްލަބް ލެވެލްގައި ގިނަ ކާމިޔާބީތައް ހޯދާފައިވާ އިސްކޯ ވަނީ ސްޕެއިންގެ 21 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯ ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން އޭނާ ވަނީ 17 އަހަރުން ދަށުގެ ފީފާ ވާރލްޑްކަޕްގެ ތިންވަނަ ސްޕެއިންއާ އެކު ކާމިޔާބުކޮށްފައެވެ.