ކ. މާލެ
|
22 އޮކްޓޯބަރ 2018 | ހޯމަ 19:08
ޕީއެސްޖީ އަށް ކުޅެމުން އަންނަ ބުފޮން
ޕީއެސްޖީ އަށް ކުޅެމުން އަންނަ ބުފޮން
ގެޓީ އިމޭޖަސް
ޖިއަންލުއިޖީ ބުފޮން
ޕީއެސްޖީގައި މި ހުރީ ހިތްހަމަޖެހިގެން: ބުފޮން
ބުފޮން ޕީއެސްޖީ އަށް ބަދަލުވީ ޔުވަންޓަސް ދޫކޮށްލުމަށް ފަހު

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގައި ހުރީ ހިތްހަމަޖެހިގެން ކަމަށް އެ ކްލަބަށް ދާދި ފަހުން ބަދަލުވި އިޓަލީގެ ކީޕަރު ޖިއަންލުއިޖީ ބުފޮން ބުނެފިއެވެ.

ފްރާންސްގެ ނޫހަކަށް މައުލޫމާތު ދެމުން ބުފޮން ބުނީ ޕީއެސްޖީގައި މިވަގުތު އޭނާ ހުރީ ހިތްހަމަޖެހިގެން ކަމަށާއި، ފުރަތަމަ އެގާރައިން ބަރާބަރަށް ޖާގަ ނުލިބުނަސް މާޔޫސް ނުވާ ކަމަށެވެ.

ބުފޮން ބުނީ ކޮންމެ ސީޒަނެއްގައި 70 މެޗު ކުޅުމަކީ އޭނާ ބޭނުންވާ ކަމެއް ނޫން ކަމަށާއި، ބޭނުންވަނީ ރަނގަޅު މެޗުތަކުން ޖާގަ ހޯދައި، ޓީމަށް ކާމިޔާބު ހޯދައިދިނުން ކަމަށެވެ.

ރަނގަޅު ޓީމެއް ބިނާކުރަން ޕީއެސްޖީގައި މިވަގުތު ތިބީ އެންމެ އެކަށީގެންވާ ދެ ކީޕަރުންކަން ފާހަގަކުރަމުން ބުފޮން ބުނީ އޭނާގެ އުމުރުން 20 އަހަރު ނަމަ ފުރަތަމަ އެގާރައިން ޖާގަ ނުލިބިގެން ޝަކުވާ ކުރާނެ ކަމަށާއި، މިހާރު އުމުރުން 40 ވީމަ ޝަކުވާ ކުރަން ބޭނުންނުވާ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުފޮން ބުނީ ކުރިޔަށް އޮތް ހަ މަސް ތެރޭގައި ނުވަތަ އަހަރެއް ތެރޭގައި ނުވަތަ 10 އަހަރު ފަހުން ކުޅުން ހުއްޓާލާނެ ކަމަށާއި، އެހެންނަމަވެސް އަދިވެސް ގޮތެއް ނުނިންމާ ކަމަށެވެ.

ބުފޮން ބުނީ އުމުރުން 32 އަހަރުގައި ބޭނުންވީ 35 އަހަރުގައި ކުޅުން ހުއްޓާލަން ކަމަށާއި، 38 އަހަރުގައި ބޭނުންވީ 40 އަހަރުގައި ހުއްޓާލަން ކަމަށެވެ. އެހެންނަމަވެސް އޭނާ ބުނީ އެކަން އެގޮތަށް ނުހިގި ކަމަށެވެ.

ޕާރްމާ އިން 1995 ވަނަ އަހަރު ކެރިޔަރު ފެށި ބުފޮން ޔުވަންޓަސް ބަދަލުވީ 2001 ވަނަ އަހަރު ރެކޯޑު އަގަކަށެވެ. އޭނާ އެ ކްލަބުގައި 17 އަހަރު ހޭދަކުރުމަށް ފަހު ޕީއެސްޖީ އަށް ބަދަލުވީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ޔުވަންޓަސްއާ އެކު ނުވަ ފަހަރު ލީގު ކާމިޔާބުކޮށްފައިވާ ބުފޮން ވަނީ ގައުމީ ޓީމާ އެކު 2006 ވަނަ އަހަރު ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައެވެ. ގައުމީ ޓީމުން ބުފޮން ރިޓަޔާވެފައިވާއިރު، އޭނާ ވަނީ އިޓަލީ ގައުމީ ޓީމަށް 176 މެޗު ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް