ކ. މާލެ
|
21 އޮކްޓޯބަރ 2018 | އާދީއްތަ 13:15
ޔުވަންޓަސް ކުޅުންތެރިން އުފާފާޅުކުރަނީ
ޔުވަންޓަސް ކުޅުންތެރިން އުފާފާޅުކުރަނީ
ޓްވިޓަރ
އިޓާލިއަން ލީގު
އިޓާލިއަން ލީގު: ޔުވަންޓަސް އެއްވަރުވިއިރު، ނަޕޯލީން ފަރަގު ކުޑަކޮށްފި
ޖެނޯއާ އަތުން ޔުވަންޓަސް އެއްވަރުވީ 1-1 ގެ ނަތީޖާއަކުން

އިޓާލިއަން ލީގުގައި ޔުވަންޓަސް އެއްވަރުވިއިރު، ނަޕޯލީން ފަރަގު ކުޑަކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ޔުވަންޓަސް އެއްވަރުވީ ޖިނޯއާއާ ވާދަކޮށް 1-1 ގެ ނަތީޖާއަކުންނެވެ.

ޔުވަންޓަސް ދަނޑުގައި ކުޅުނު މި މެޗުގައި ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން 18 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މި ލަނޑަށްފަހު ވެސް ރޮނާލްޑޯ އަށް ވަނީ ލީޑު ފުޅާކުރުމަށް ފުރަތަމަ ހާފްގައި ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުން ޖެނޯއާގެ މައްޗަށް ޔުވަންޓަސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގައި ވެސް ޔުވަންޓަސް އަށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ. އޭގެ ތެރޭގައި ރޮނާލްޑޯ އަށް ލިބުނު ފުރުސަތުތައް ހިމެނެއެވެ.

ޖެނޯއާ އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 67 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑެނިއަލް ބެސާއެވެ. މި ލަނޑާއެކު ޔުވަންޓަސް އިން އެޓޭކްތައް ވަރުގަދަކޮށް، ގިނަ ހަމަލާތަކެއްފޮނުވާލިއެވެ.

މި ނަތީޖާއާއެކު ޔުވަންޓަސް އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 25 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. ޖެނޯއާ އޮތީ ކުޅުނު 8 މެޗުން ލިބުނު 13 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 10 ވަނައިގައެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ނަޕޯލީ މޮޅުވީ އުދިނޭޒީއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުންނެވެ.

އުދިނޭޒީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 14 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފަބިއަން ރުއިޒްއެވެ.

މި ލަނޑަށްފަހު ވެސް ނަޕޯލީން ވަނީ އުދިނޭޒީގެ ގޯލަށް ނުރައްކާކޮށް ހަމަލާތައް ފޮނުވާލާފައެވެ. އެގޮތުން ލަނޑު ޖެހުމަށް ހުސް ފުރުސަތަކެއް ވެސް ވަނީ ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން އުދިނޭޒީގެ މައްޗަށް ނަޕޯލީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގައި ވެސް ނަޕޯލީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެޓީމުން ލީޑު ފުޅާކުރީ 83 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މާޓެންސްއެވެ.

މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ނަޕޯލީގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ރޮގްއެވެ. މި ލަނޑަށްފަހު ވެސް އެޓީމަށް ލަނޑު ޖެހުމަށް ފުރުސަތުތައް ލިބި ބޭކާރުވިއެވެ.

މި ނަތީޖާއާއެކު ނަޕޯލީ ވަނީ ޕޮއިންޓް ތާވަލުގެ ދެވަނަ އަށް ޖެހި، އެއްވަނައިގައި އޮތް ޔުވަންޓަސްއާ އޮތް ޕޮއިންޓްގެ ފަރަގު ކުޑަކޮށްފައެވެ. ނަޕޯލީ ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ހަމަކޮށްފައެވެ. މެޗުން ބަލިވި އުދިނޭޒީ ވަނީ ކުޅުނު ނުވަ މެޗުން 9 ޕޮއިންޓް ހަމަކޮށްފައެވެ. އެޓީމު އޮތީ ތާވަލުގެ 15 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް