ކ. މާލެ
|
20 އޮކްޓޯބަރ 2018 | ހޮނިހިރު 19:29
ރެއާލް އަދި ލެވެންޓޭ ބައްދަލުކުރި މެޗުގެ ތެރެއިން
ރެއާލް އަދި ލެވެންޓޭ ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: ލެވެންޓޭ އަތުންވެސް ރެއާލް ބަލިވެއްޖެ
ރެއާލްގެ މައްޗާށް ލެވެންޓޭ ކުރިހޯދީ 1-2 ގެ ނަތީޖާއަކުން

ސްޕެނިޝް ލަލީގާގައި ލެވެންޓޭ އަތުންވެސް ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.

ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗުން ލެވެންޓެ އަތުން ރެއާލް ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

ރެއާލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެހެންނަމަވެސް ރެއާލުން ރަނގަޅަށް ކުޅެމުން ދަނިކޮށް ހަތްވަނަ މިނެޓުގައި ލެވެންޓޭ އިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ސާޖިއޯ ޕޮސްޓިގޯގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޮސޭ ލުއިސް މޮރަލޭސްއެވެ.

ލެވެންޓޭ އިން މެޗުގެ ލީޑު ފުޅާކުރީ 13 ވަނަ މިނެޓުގައެވެ. ރެއާލްގެ ޕެނެޓީ އޭރިޔާ ތެރެއިން އެޓީމުގެ ޑިފެންޑަރު ރަފައެލް ވަރާން އަތުގައި ޖެހުމުން ލިބުނު މި ޕެނަލްޓީ ކާމިޔާބުކުރީ ލެވެންޓޭގެ ރޮޖާ މާޓީއެވެ.

މި ލަނޑުތަކަށްފަހު ރެއާލުން އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށް ރަނގަޅށް ކުޅެން ފެށިއެވެ. އެގޮތުން ލަނޑު ޖެހުމަށް އެޓީމަށް ވަނީ ހުސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ރެއާލްގެ މައްޗަށް ލެވެންޓޭ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ރެއާލުން އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަކޮށްފައިވާއިރު، ލަނޑު ޖެހުމަށް ފުލުފުލުގައި ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ރެއާލް އަށް ނަތީޖާގެ ފަރަގު ކުޑަކުރެވުނީ 73 ވަނަ މިނެޓުގައި ކަރިމް ބެންޒެމާގެ އެހީތެރިކަމާއެކު މާސެލޯ ކާމިޔާބުކުރި ލަނޑުންނެވެ.

މި ލަނޑަށްފަހުވެސް ރެއާލް އަށް ވަނީ ނަތީޖާ ހަމަހަމަކުރުމަށްވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ބެންޒެމާ އަށް ފުލުފުލުގައި ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

މިއީ ރެއާލް ލީގުގައި ޖައްސަޖައްސައިގެން މޮޅުނުވެ ނިމުނު ތިންވަނަ މެޗެވެ. އެޓީމު ވަނީ އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައެވެ. އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މި ނަތީޖާއެކު ރެއާލް އޮތީ ކުޅުނު ފަސް މެޗުން ލިބުނު 14 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގައެވެ. މެޗުން މޮޅުވި ލެވެންޓޭ ވަނީ ކުޅުނު ނުވަ މެޗުން 13 ޕޮއިންޓް ހަމަކޮށް، ޕޮއިންޓް ތާވަލުގެ ހަތްވަނަ އަށް ޖެހިލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް