ކ. މާލެ
|
20 އޮކްޓޯބަރ 2018 | ހޮނިހިރު 20:52
ޗެލްސީ އަދި ޔުނައިޓެޑު ބައްދަލުކުރި މެޗުގެ ތެރެއިން
ޗެލްސީ އަދި ޔުނައިޓެޑު ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ފަހުވަގުތު ބާކްލީ ކާމިޔާބުކުރި ލަނޑުން ޔުނައިޓެޑު އަތުން ޗެލްސީ ސަލާމަތްވެއްޖެ
ޗެލްސީ އަދި ޔުނައިޓެޑު ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން
ޗެލްސީ ވަނީ 21 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނަ އަށް ޖެހިލާފައި
ޔުނައިޓެޑު އޮތީ 14 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 8 ވަނައިގައި

ޕްރިމިއާ ލީގުގައި ފަހު ވަގުތު ރޯސް ބާކްލީ ކާމިޔާބުކުރި ލަނޑުން މެންޗެސްޓާ ޔުނައިޓެޑު އަތުން ޗެލްސީ ސަލާމަތްވެއްޖެއެވެ.

ހޮނިހިރު ދުވަހު ހަވީރު ޗެލްސީ އަދި ޔުނައިޓެޑު ބައްދަލުކުރި މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

ޗެލްސީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެގޮތުން ދެ ޓީމުން ވެސް ވަނީ ފުރަތަމަ ހާފްގައި ލަނޑު ޖެހުމަށް މަސައްކަތް ކޮށްފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޗެލްސީންނެވެ. މި ލަނޑު 21 ވަނަ މިނެޓުގައި ވިލިއަންގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އެންޓޯނިއޯ ރުޑިގާއެވެ. މި ލަނޑާ އެކު ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ޔުނައިޓެޑުގެ މައްޗަށް ޗެލްސީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޗެލްސީގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ފެނުނެވެ. އެހެންނަމަވެސް މެޗުގެ 57 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންތޮނީ މާޝިއާލްއެވެ.

މި ލަނޑަށް ފަހު ޔުނައިޓެޑުން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް، ޗެލްސީގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފައްދަން މަސައްކަތްކޮށްފައެވެ. އެގޮތުން 73 ވަނަ މިނެޓުގައި މާކަސް ރަޝްފަޑްގެ އެހީތެރިކަމާ އެކު މާޝިއާލް ކާމިޔާބުކުރި ލަނޑުން ޔުނައިޓެޑުން ވަނީ މެޗުގެ ލީޑު ނަގާފައެވެ.

ޗެލްސީން ނަތީޖާ ހަމަހަމަކުރީ އިތުރުވަގުތުގައެވެ. އޭރިޔާ ތެރެއިން މުޅިން ހުހަށް ލިބުނު ބޯޅަ ކުރިޔަށް ފޮނުވާލައިގެން އެޓީމަށް މި ލަނޑު ކާމިޔާބުކުރީ ބާކްލީއެވެ.

މި ނަތީޖާއާ އެކު ޗެލްސީ ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. ޔުނައިޓެޑު އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 14 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 8 ވަނައިގައެވެ. މިރޭ ކުޅޭ މެޗުތަކަށްފަހު ޕޮއިންޓް ތާވަލަށް ބަދަލު އައުން އެކަށީގެންވެއެވެ.

- ކޮމެންޓް