ކ. މާލެ
|
20 އޮކްޓޯބަރ 2018 | ހޮނިހިރު 16:53
ގުއާމް އަދި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން
ގުއާމް އަދި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
އޭއެފްސީ 19 އަހަރުން ދަށް
ރާއްޖޭގެ ޒުވާން އަންހެން ފުޓުބޯޅަ ޓީމު ކޮޅަށް ގުއާމް އިން 12 ލަނޑު ޖަހައިފި
ގުއާމް އަތުން ރާއްޖެ ބަލިވީ 0-12 ގެ ނަތީޖާއަކުން

ރާއްޖޭގެ 19 އަހަރުން ދަށުގެ އަންހެން ފުޓުބޯޅަ ޓީމު ކޮޅަށް ގުއާމް އިން 12 ލަނޑު ޖަހައިފިއެވެ.

އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ހޮނިހިރު ދުވަހު ހަވީރު ރާއްޖެ ކުޅުނު މެޗުން ގުއާމް އަތުން ބަލިވީ 0-12 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ކިރިގިސްތާނުގައި ކުޅުނު މި މެޗު ފެށިގެން ހަވަނަ މިނެޓުގައި ގުއާމް އިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަނާ ރޯޒްއެވެ. ދެވަނަ ލަނޑު 15 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވާ އިރު، މި ލަނޑު ކާމިޔާބުކުރީ އިޒަބެއްލާ ބްރާއީއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ގުއާމްގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ލައުރެންއެވެ. މި ލަނޑުތަކާ އެކު ފުރަތަމަ ހާފް ނިމުނީ 0-3 ގެ ނަތީޖާއިން ރާއްޖޭގެ މައްޗަށް ގުއާމް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގައި ގުއާމް އިން ވަނީ ރާއްޖެ ކޮޅަށް ނުވަ ލަނޑު ޖަހާފައެވެ. 46 ވަނަ މިނެޓުގައި ގުއާމްގެ ހަތަރުވަނަ ލަނޑު ލައުރެން ކާމިޔާބުކޮށްފައިވާއިރު، 48 ވަނަ މިނެޓުގައި ފަސްވަނަ ލަނޑު ސެލިން އެޑެން ވަނީ ކާމިޔާބުކޮށްފައެވެ. 51 ވަނަ މިނެޓުގައި ހަވަނަ ލަނޑު ކާމިޔާބުކޮށް ލައުރެން ވަނީ މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މެޗުގެ 60 ވަނަ މިނެޓުގައި ގުއާމްގެ ހަތްވަނަ ލަނޑު އިސާ ކެލާވީ ކާމިޔާބުކުރިއިރު، ގުއާމްގެ 9 ވަނަ ލަނޑަކީ 62 ވަނަ މިނެޓުގައި ރާއްޖޭގެ ހަމްނާ އަލީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މެޗުގެ 83 ވަނަ މިނެޓުގައި ހަނާ ރޯޒް ވަނީ ގުއާމްގެ ނުވަ ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެ ހަތަރު މިނެޓު ފަހުން އިތުރު ލަނޑެއް ކާމިޔާބުކޮށް ހަނާ ރޯޒް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މެޗުގެ އިތުރު ވަގުތުގައި ގުއާމްގެ 11 ވަނަ ލަނޑު ރައިލީ ކާމިޔާބުކޮށްފައިވާއިރު، 12 ވަނަ ލަނޑު ކާމިޔާބުކުރީ އިޒަބެއްލާއެވެ.

ކޮލިފައިންގައި ރާއްޖެ ދެން ނިކުންނާނީ ހޯމަ ދުވަހު ޔުނައިޓެޑް އަރަބް އެމިރޭޓްސްއާ ދެކޮޅަށެވެ. އެ އަށް ފަހު ބުދަ ދުވަހު އުޒްބަކިސްތާނާ ދެކޮޅަށް ނިކުންނައިރު، ގްރޫޕްގެ ފަހު މެޗުގައި ހުކުރު ދުވަހު ނިކުންނާނީ ކިރިގިސްތާނާ ދެކޮޅަށެވެ.

ހަތަރު ގްރޫޕް ހިމެނޭ މި ކޮލިފައިން ބުރުގައި ރާއްޖެ ލައްވާލާފައި ވަނީ ކިރިގިސްތާނާއި އުޒްބަކިސްތާނާއި ޔުނައިޓެޑް އަރަބް އެމިރެޓްސް އަދި ގުއާމްއާ އެކު ގްރޫޕް ސީގައެވެ. ރާއްޖެ ގްރޫޕް ފިޔަވާ އެހެން ހުރިހާ ގްރޫޕެއްގައި ވެސް ހަތަރު ޓީމު އޮތްއިރު، ރާއްޖެ ގްރޫޕްގައި ފަސް ޓީމް އެބަ އޮތެވެ.

ކޮލިފައިންގެ ދެވަނަ ބުރަށް ދަތުރުކުރާނީ އެންމެ ގިނައިން ގްރޫޕުން ޕޮއިންޓް ހޯދާ އެއް ޓީމަށެވެ. އަދި ހަތަރު ގްރޫޕަށް ބެލުމަށް ފަހު އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެވަނަ ޓީމަށް ވެސް ދެބަނަ ބުރުން ޖާގަ ލިބެއެވެ.

- ކޮމެންޓް