މެންޗެސްޓާ ޔުނައިޓެޑަށް ޗެލްސީ އަށް ކުޅެމުން އަންނަ ބެލްޖިއަމް ވިންގާ އެޑެން ހަޒާޑް ގެންނަން ބޭނުންވާ ކަމަށް ޔުނައިޓެޑުގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.
ހޮނިހިރު ދުވަހު ހަވީރު ޔުނައިޓެޑު އަދި ޗެލްސީ ބައްދަލުކުރާ މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން މޮރީނިއޯ ބުނީ ހަޒާޑް ޔުނައިޓެޑަށް ގެންނަން ބޭނުންވާ ކަމަށާއި، އެހެންނަމަވެސް ހަޒާޑް ޔުނައިޓެޑަށް ވިއްކާލަން ޗެލްސީން ބޭނުން ވާނެކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެއީ މައްސަލައެއް ނޫން ކަމަށްވެސް މޮރީނިއޯ ވަނީ ބުނެފައެވެ.
މޮރީނިއޯ ބުނީ ތާރީހު ބުނާގޮތުން ހަޒާޑް އަކީ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި، އޭނާގެ އެހީއާއެކު ލީގުގައި ޗެލްސީ ކުރިއެރުންތަކެއް ހޯދަމުން އަންނަ ކަމަށެވެ.
ޗެލްސީގައި ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި އިރު ހަޒާޑްއާ ވަރަށް ގާތް ގުޅުމެއް އޮތްކަން ފާހަގަކުރަމުން މޮރީނިއޯ ބުނީ ހަޒާޑް އަކީ ހުރިހާ ގޮތަކަށް ބެލިނަމަވެސް މޮޅު ކުޅުންތެރިޔެއް ކަމަށާއި، ކޮންމެ ކޯޗެއްވެސް އެނާ ހޯދަން ބޭނުންވާނެ ކަމަށެވެ.
ހަޒާޑް ހޯދުމަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް އޭނާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަނީ ރެއާލް މެޑްރިޑުންނެވެ.
ޗެލްސީއާއެކު ހަޒާޑް ހަދާފައިވާ އެއްބަސްވުން 2020 ވަނަ އަހަރު ހަމަވާއިރު، ބެލެވޭ ގޮތުގައި ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ޗެލްސީ ދޫކޮށްލުމަށްފަހު އޭނާ ރެއާލް އަށް ބަދަލުވާނެއެވެ.
ފްރާންސްގެ ލިއްލޭ އިން ކެރިޔަރު ފެށި ހަޒާޑް ވަނީ އެޓީމަށް ކުޅުނު 194 މެޗުގައި 50 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ޗެލްސީއަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އޭނާ ވަނީ ޗެލްސީއަށް މިހާތަނަށް ކުޅުނު 310 މެޗުގައި 97 ލަނޑު ކާމިޔާބުކޮށްފައެވެ.
ޗެލްސީއާ އެކު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައިވާ ހަޒާޑް ވަނީ އެޓީމާއެކު ޕްރިމިއާ ލީގު ދެ ފަހަރު އަދި ފުޓްބޯލް ލީގު ކަޕް ވެސް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ބެލްޖިއަމް ގައުމީ ޓީމަށް ކުޅުނު 95 މެޗުގައި 27 ލަނޑު ކާމިޔާބުކޮށްފައެވެ.