ކ. މާލެ
|
20 އޮކްޓޯބަރ 2018 | ހޮނިހިރު 17:57
އެޑެން ހަޒާޑް
އެޑެން ހަޒާޑް
ގޯލް.ކޮމް
އެޑެން ހަޒާޑް
ޗެލްސީ އަށް ފަހު ރިޓަޔާކުރަން ފަހެއް ނުޖެހެން: ހަޒާޑް
ހަޒާޑްގެ އެއްބަސްވުން ހަމަވާނީ 2020 ވަނަ އަހަރު

ޗެލްސީ އަށް ފަހު ރިޓަޔާކުރަން ފަސް ނުޖެހޭ ކަމަށް އެ ކްލަބަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ވިންގާ އެޑެން ހަޒާޑް ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ހަޒާޑް ބުނީ ޗެލްސީގައި ކެރިޔަރު ނިންމާލުމަކީ އޭނާ އަށް އެއްވެސް ކަމެއް ނޫން ކަމަށާއި، ކްލަބާ މެދު އޭނާ އަބަދު ވެސް ހިތްހަމަޖެހޭ ކަމަށެވެ.

ހަޒާޑް ބުނީ އޭނާ ސްޕެއިންގެ ކްލަބަކަށް ނު ދިއުން އެއީ މައްސަލަ އެއް ނޫން ކަމަށާއި، މުސްތަގުބަލުގައި ވާ ގޮތަކުން ސަޕޯޓަރުން އަބަދު ވެސް އޭނާ ދެކެ ލޯބިވާނެ ކަމާ މެދު ޝައްކު ނުކުރާ ކަމަށް ވެސް ހަޒާޑް ވަނީ ބުނެފައެވެ.
އުމުރުން 27 އަހަރުގެ ހަޒާޑް ހޯދުމަށް ރެއާލް މެޑްރިޑްގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ބެލެވޭ ގޮތުގައި އޭނާ ބަދަލު ވާނީ ރެއާލް އަށެވެ.
ޗެލްސީއާ އެކު ހަޒާޑް ހަދާފައިވާ އެއްބަސްވުން 2020 ވަނަ އަހަރަށް ހަމަވާ އިރު، ރެއާލުން ވަނީ ނިމިދިޔަ ޖެނުއަރީ ޓްރާންސްފާގައި ވެސް އޭނާ ހޯދުމަށް އެތައް ފަހަރެއްގެ މަތިން ހުށަހަޅާފައެވެ. އެހެން ނަމަވެސް ޗެލްސީން އޭނާ ވިއްކާލަން ވަނީ ދެކޮޅު ހަދާފައެވެ.
ފްރާންސްގެ ލިއްލޭ އިން ކެރިޔަރު ފެށި ހަޒާޑް ވަނީ އެޓީމަށް ކުޅުނު 194 މެޗުގައި 50 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ޗެލްސީ އަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އޭނާ ވަނީ ޗެލްސީ އަށް މިހާތަނަށް ކުޅުނު 310 މެޗުގައި 97 ލަނޑު ކާމިޔާބު ކޮށްފައެވެ.
ޗެލްސީއާ އެކު ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފައިވާ ހަޒާޑް ވަނީ އެ ޓީމާ އެކު ޕްރިމިއާ ލީގު ދެ ފަހަރު އަދި ފުޓްބޯލް ލީގު ކަޕް ވެސް ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ ބެލްޖިއަމްގެ ގައުމީ ޓީމަށް ކުޅުނު 95 މެޗުގައި 27 ލަނޑު ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް