ސާފް ސުޒުކީ ކަޕް އުފުލާލި ގައުމީ ފިރިހެން ފުޓުބޯޅަ ޓީމުގެ ކާމިޔާބީގެ އަގު ދިވެހި ގައުމީ ބޭންކުން ވަޒަންކޮށްފިއެވެ.
ބުރާސްފަތި ދުވަހު ހޮޓެލް ޖެންގައި ބޭއްވި ހަފްލާއެއްގައި ގައުމީ ޓީމުގެ ސްޕޮންސާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ނިމިގެންދިޔަ ސާފް ސުޒުކީ ކަޕް އުފުލާލި ޓީމުގެ އަގުވަޒަން ކުރުމުގެ ގޮތުން ޓީމަށް ހަ ލައްކަ ރުފިޔާ ދީފައެވެ.
ބީއެމްއެލް އިން ވަނީ ސާފް ސުޒުކީ ކަޕް އުފުލާލި ޓީމުގައި ހިމެނޭ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭ ގޮތަށް ޓީމުގެ ކޮންމެ މެމްބަރަކަށް ހާއްސަ މާސްޓަރ ކާޑް އަދި ރީލޯޑަބަލް ކާޑެއް ދީފައެވެ.
ސާފް ސުޒުކީ ކަޕް އުފުލާލި ޓީމުގައި ކުޅުންތެރިންނާއި އޮފިޝަލުންނާ އެކު 30 މެމްބަރުން ހިމެނޭއިރު، ބީއެމްއެލް އިން ދިން ރީލޯޑަބަލް ކާޑުން މީހަކަށް ޖެހޭނީ 20،000ރ. ކަމަށެވެ. ގައުމީ ޓީމުގެ ފޮޓޯ އާއި ނަން ޖަހާފައިވާ މި ކާޑުން ފައިސާ ހުސްވުމުން އަލުން ޖަމާކޮށް ބޭނުންކުރެވޭނެ ކަމަށް ވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖެއްސީ 2017 ވަނަ އަހަރެވެ. އެގޮތުން ބީއެމްއެލް އިން ވަނީ ގައުމީ ޓީމަށް ފާއިތުވެދިޔަ ދުވަސްތަކުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.
ސާފް ސުޒުކީ ކަޕް ރާއްޖެއިން އުފުލާލިތާ މަހެއް ވެފައިވާއިރު، ސަރުކާރުން އަދި އެފްއޭއެމުން ދޭން އެއްބަސްވި ބޯނަސް ފައިސާ އަދިވެސް ނުދެއެވެ. އަދި ގައުމީ ޓީމު ކުޅުންތެރިންގެ މުސާރަ ނުދޭތާ ވެސް ވަނީ ތިން މަސްވެފައެވެ.
އެފްއޭއެމުން ބުނީ ގައުމީ ޓީމުގެ ކުޅުންތެރިންގެ މުސާރަ އަދި ބޯނަސް ފައިސާ ޖަމާކުރުމުގެ ކަންތައް ކުރިޔަށްދާ ކަމަށާއި، އަދި މިހާރު އެ ފައިސާ ފިނޭސް މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށެވެ.