ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސްގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެއެވެ.
ބުދަ ދުވަހުގެ ރޭ ނިއު އާއި ގްރީން ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މެޗު ފެށިގެން ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ނިއު އިންނެވެ. މި ލަނޑު 27 ވަނަ މިނެޓުގައި ކާމިޔާބުކުރީ އަލީ ފާސިރު (ސެންޓޭ) އެވެ. މި ލަނޑަށް ފަހު ވެސް ނިއު އިން ދިޔައީ ގްރީންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.
އެގޮތުން 30 ވަނަ މިނެޓުގައި ނިއު އިން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ސެންޓޭއެވެ. ސެންޓޭ މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުންނެވެ.
ފުރަތަމަ ހާފް ނިމުނީ ސެންޓޭގެ ދެ ލަނޑުން 0-2 އިން ގްރީންގެ މައްޗަށް ނިއު ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ގްރީން އިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން އެޓީމުން ވަނީ ފަހު 10 މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ.
ގްރީން އިން ނަތީޖާގެ ފަރަގު ކުޑަކުރީ 81 ވަނަ މިނެޓުގައި އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އެލެގްޒެންޑްރާ ކާމިޔާބުކުރި ލަނޑުންނެވެ. އޭގެ ދެ މިނެޓު ފަހުން މުހައްމަދު ރިސްވާން ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މި ނަތީޖާއާ އެކު ގްރީން ވަނީ ކުޅުނު ނުވަ މެޗުން 17 ޕޮއިންޓް ހަމަކޮށްފައެވެ. އެޓީމު އޮތީ ޕޮއިންޓް ތާވަލުގެ ފަސްވަނައިގައެވެ. ނިއު އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 18 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގައެވެ.