ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބ.ފެހެންދޫ ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.
އަންގާރަ ދުވަހު ކުޅުނު މި މެޗު ފެހެންދޫއާ ވާދަކޮށް މާޒިޔާއިން މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ކުރީކޮޅު މާޒިޔާއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ނުވަ ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އިރުފާން (އިރޭ) އެވެ.
މި ލަނޑަށްފަހުވެސް މާޒިޔާއިން ދިޔައީ ފުލުފުލުގައި ފެހެންދޫގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ. ނަތީޖާ ހަމަހަމަކުރުމަށް ފެހެންދޫއަށްވެސް ވަނީ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ފެހެންދޫގެ މައްޗަށް މާޒިޔާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން މާޒިޔާއިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް އެޓީމުން ވަނީ ތަނަވަސްކޮށްފައެވެ.
މާޒިޔާއިން މެޗުގެ ލީޑު ފުޅާކުރީ މެޗުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން އެރި އަހުމަދު އިމާޒް (އާއްކޮ) އެވެ.
މި ނަތީޖާއާއެކު މާޒިޔާ އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 19 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. މެޗުން ބަލިވި ފެހެންދޫ އޮތީ ހަތަރު ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ނުވަ ވަނައިގައެވެ.