ނިއުކާސަލް ޔުނައިޓެޑު އަތުން 2-3 ގެ ނަތީޖާއިން މެންޗެސްޓާ ޔުނައިޓެޑު މޮޅުވި މެޗުގައި ހުތުރު ބަހުން ވާހަކަ ދެއްކުމުން ޔުނައިޓެޑުގެ ކޯޗު ހޯޒޭ މޮރީނިއޯއަށް ފިޔަވަޅު އެޅުމަށް އިނގިރޭސި އެފްއޭ އިން ނިންމައިފިއެވެ.
މި މަހުގެ ހަވަނަ ދުވަހު ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ނިމުނުއިރު، 0-2 ގެ ނަތީޖާއިން ޔުނައިޓެޑުގެ މައްޗަށް ކުރީގައި އޮތީ ނިއުކާސަލްއެވެ. އެގޮތުން ހާފް ޓައިމްގައި ހިތްހަމަނުޖެހިފައިހުރި މޮރީނިއޯ ވަނީ ޓީވީ ޗެނަލްއެއްގެ ކެމެރާ ކުރިމަތީގައި ޕޯޗުގީޒް ބަހުން ހުތުރު ބަހުން ވާހަކަ ދައްކާފައެވެ.
އުމުރުން 55 އަހަރުގެ މޮރީނިއޯއަށް ފިޔަވަޅު އެޅުމަށް އިނގިރޭސި އެފްއޭއިން ނިންމާފައިވާއިރު، ޖަވާބުދާރީވާން ހުކުރު ދުވަހުގެ ނިޔަލަށް އޭނާ އަށް ވަނީ ފުރުސަތު ދީފައެވެ.
ޔުނައިޓެޑު ހޯދަމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ކޯޗުކަމުގެ މަގާމުން މޮރީނިއޯ ވަރަށް އަވަހަށް ވަކިކުރާނެ ކަމަށް ފުޓުބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެންނަމަވެސް މިކަން އަދި ކަށަވަރުވާގޮތެއް ނުވެއެވެ.
ޕްރިމިއާ ލީގުގައި ޔުނައިޓެޑު މިހާތަނަށް 8 މެޗު ކުޅެފައިވާއިރު، އެޓީމު މޮޅުވެފައިވަނީ ހަތަރު މެޗުންނެވެ. ބާކީ ތިން މެޗުން އެޓީމު ބަލިވެފައިވާއިރު، އެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. ޔުނައިޓެޑު އޮތީ 13 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 8 ވަނައިގައެވެ.
މޮރީނިއޯގެ އިރުޝާދުގެ ދަށުން ޔުނައިޓެޑު މިހާތަނަށް 131 މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން އެޓީމު މޮޅުވެފައިވަނީ 79 މެޗުންނެވެ. ބާކީ 24 މެޗު ބަލިވެގެން ނިމުނުއިރު، 28 މެޗު ނިމުނީ އެއްވަރުވެގެންނެވެ.