ޔުއެފާ ނޭޝަންސް ލީގުގައި ސްޕެއިން އޮތް ގްރޫޕްގެ އެއް ވަނަ ހޯދަން ކްރޮއޭޝިއާ ބަލިކުރަން ޖެހޭ ކަމަށް ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.
އަމިއްލަ ދަނޑުގައި އިންގްލޭންޑް އަތުން 2-3 ގެ ނަތީޖާ އިން ސްޕެއިން ބަލިވި މެޗަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން އެންރީކޭ ބުނީ އިންގްލޭންޑް އަތުން ވީ ބައްޔާ އެކު، ގްރޫޕްގެ އެއްވަނަ ހޯދަން ކްރޮއޭޝިއާ ބަލިކުރަން މަޖުބޫރުވެފައިވާ ކަމަށެވެ.
އެންރީކޭ ބުނީ މެޗުގައި އިންގްލޭންޑުން ކާމިޔާބުކުރި ފުރަތަމަ ލަނޑާ އެކު ސްޕެއިންގެ ކުޅުން ހަލާކުވި ކަމަށާއި، ގިނަ ގޯސްތަކެއް ފުރަތަމަ ހާފްގައި ސްޕެއިންގެ ފަރާތުން ފެނިގެން ގޮސްފައިވާ ކަމަށެވެ.
ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ވާދަކޮށްފައިވާ އިންގްލޭންޑް އަދި ކްރޮއޭޝިއާ ހިމެނޭ މި ގްރޫޕަކީ ފަސޭހަ ގްރޫޕެއް ނޫން ކަމަށް ފާހަގަކުރަމުން އެންރީކޭ ބުނީ މެޗުގެ ފުރަތަމަ ކޮޅު ލަނޑެއް ނުޖެހުމުން މާޔޫސްވެފައި ހުރި ކަމަށެވެ.
އިންގްލޭންޑް އަތުން ސްޕެއިން ބަލިވެފައި ވާއިރު، މި މެޗަކީ ސްޕެއިން ކޮޅަށް އަމިއްލަ ދަނޑުގައި ތިން ލަނޑު ޓީމަކުން ޖެހި ފުރަތަމަ ފަހަރެވެ.
މުބާރާތުގައި ސްޕެއިން އަދި ކްރޮއޭޝިއާ ބައްދަލުކުރާ މެޗު އޮންނާނީ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ކްރޮއޭޝިއާގައެވެ. މި މެޗުން ސްޕެއިން މޮޅުވެއްޖެ ނަމަ، ގްރޫޕްގެ އެއް ވަނަ ކަށަވަރު ވާނެއެވެ. އަދި ދެވަނަ ބުރަށް އެޓީމު ކޮލިފައި ވާނެއެވެ.