ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި އާދިއްތަ ދުވަހު ހަވީރު ކުޅުނު މެޗުން ޕޮލިސް ކްލަބުގެ މައްޗަށް ކްލަބް ވެމްކޯ އިން ކުރި ހޯދައިފިއެވެ.
ޕޮލިސް ކުލަބުގެ މައްޗަށް ވެމްކޯއިން ކާމިޔާބު ހޯދީ 2-3 އިންނެވެ. ވެމްކޯވަނީ މުބާރާތުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުން ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބު އަތުން ބަލިވެފައެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އިއްޔެ ކުޅުނު މެޗުގެ ފުރަތަމަ ސެޓު ވެމްކޯ އިން ގެންދިޔައީ 14-25 އިންނެވެ. ނަމަވެސް އަނެއް ދެ ސެޓު 25-20 އިން ގެންދިޔައީ ޕޮލިސް ކުލަބުންނެވެ.
ޖެހިގެން އައި ސެޓުގައި ވެމްކޯ އިން ވަނީ ވަރަށް ހިތްވަރުކޮށް ތަފާތު ކުޅުމެއް ދައްކާފައެވެ. ނަތީޖާއެއްގެ ގޮތުން އެ ސެޓު ގެންދިޔައީ 22-25 އިންނެވެ. އަދި ވާދަވެރި ކުޅުނު ކަމަށް ފަހު، ފަހު ސެޓު 13-15 އިން ގެންދިޔައީ ވެމްކޯއެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯ އަށް މި މޮޅު ހޯދައިދިނުމުގެ މުހިއްމު ދައުރެއް އަދާކުރި މަރިޔަމް އަޒީފާއެވެ.
މި މެޗުން ޕޮލިސް ކުލަބު ބަލި ވިނަމަވެސް އެ ޓީމު ވަނީ ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފައެވެ. އެޓީމު ފައިނަލަށް ދިޔައީ ވާދަ ކުރާ ޓީމުތަކުގެ އެންމެ ކުރި ލިބިގެންނެވެ.
ޕޮލިހަށް އެއް ވަނަ ލިބުނީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި އޮތީ ދެ މެޗުން ތިން ޕޮއިންޓް ހޯދި ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބެވެ. ތިން ވަނައިގައި އޮތް ވެމްކޯ އަށް ލިބުނީ ދެ މެޗުން ދެ ޕޮއިންޓެވެ.
އަންނަ ބުދަ ދުވަހުގެރޭ ކުޅޭ ފައިނަލް މެޗުގައި ޕޮލިހާ ދެކޮޅަށް ނުކުންނަ ޓީމެއް ކަނޑައެޅޭނީ ހޯމަ ދުވަހުގެ ހަވީރު ކުޅޭ ސެމީ ފައިނަލް މެޗުންނެވެ. މިއަދު ހަވީރު ކުޅޭ ސެމީ މެޗުގައި ވެމްކޯ ނުކުންނާނީ ފޮނަދޫއާ ދެކޮޅަށެވެ.