ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) އެސިސްޓަންޓްސް ޕްރޮގްރާމުގެ ދަށުން ފުޓްބޯޅަ ކްލަބްތަކަށް އެހީވުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދިން ފައިސާ ޓީމުތަކުން ހަރަދުކުރި ގޮތް ބަލާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
ސަރުކާރުން އިސްނަގައިގެން ފުޓްބޯޅަ ކްލަބްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެސްއޯއީގެ ނަމުގައި ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން 54 މިލިއަން ރުފިޔާ ފުޓްބޯޅަ އަށް ހަރަދުކުރަން ޖެހޭނެ އެވެ.
އެސްއޯއީ އެސިސްޓަންޓްސް ޕްރޮގްރާމުގެ ދަށުން ފުރަތަމަ އަހަރުގައި 12 ކުންފުނި މެދުވެރިކޮށް 26 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. މި އަހަރު 12 ކުންފުނި މެދުވެރިކޮށް 28 މިލިއަން ރުފިޔާ ހަރަދުކުރަން އޮތީ ހަމަޖެހިފަ އެވެ.
އެސްއޯއީގެ ދަށުން ފުރަތަމަ ޑިވިޝަންގެ ކޮންމެ ކްލަބަކަށް ދެ މިލިއަން ރުފިޔާ އަދި ޕްރިމިއާ ލީގަށް ހޮވިއްޖެނަމަ އިތުރު އެއް މިލިއަން ރުފިޔާ ދޭ ގޮތަށް އޮތީ ނިންމާފައެވެ. އަދި މިނިވަން ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް އަންނަ އަތޮޅުތަކުގެ ކޮންމެ ޓީމަކަށް 1.5 މިލިއަން ރުފިޔާ ދިނުމަށްވެސް ހަމަޖެއްސިއެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ އެކި ގޮތްގޮތުން ފުޓު ބޯޅައަށް ވަރަށް ގިނަ ފައިސާ ޚަރަދު ކުރެވިފައިވާ ކަމަށާއި އެ ވަރުން ވެސް ކްލަބްތަކުގެ ހާލަތު ބަދަލުނުވެ އޮތް ސަބަބުތައް ހޯދައިގެން ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.
އެގޮތުން ކުންފުނިތަކުން އެސްއޯއީގެ ދަށުން ލިބުނު ފައިސާ ހަރަދުކުރިގޮތްތައް އެފްއޭއެމުން ބަލާނެ ކަމަށް ޖަވާ ވިދާޅުވިއެވެ.
މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވިކްޓަރީ ހާޒިރުނުވެ އެވެ. އެއީ މާލީ ގޮތުން ކްލަބް ބޮޑު އަޑިގަނޑަކަށް ވެއްޓި އުފެދިފައިވާ މައްސަލަތަކަށް ހައްލެއް ނުލިބޭތީ އެވެ. އަދި ވިކްޓަރީ ނޫން އެހެން ކުލަބުތަކަށްވެސް މާލީ ގޮންޖެހުންތައް ކުރިމަތިވެފައިވެއެވެ.
ކްލަބް ލައިސަންސިން ސިސްޓަމްގެ ތެރެއިން އެފްއޭއެމުން ކްލަބްތައް ހިންގުމުގެ ކަންތައްތައް މޮނިޓާކުރާނެ ކަމަށާއި ކްލަބްތައް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކުގައި އެފްއޭއެމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ.