ކ. މާލެ
|
14 އޮކްޓޯބަރ 2018 | އާދީއްތަ 19:39
ކުލަބާއެކު ކާމިޔާބީ ހޯދަން އޮންރީ ބޭނުންވޭ
ކުލަބާއެކު ކާމިޔާބީ ހޯދަން އޮންރީ ބޭނުންވޭ
އޭއެފްޕީ/ގެޓީ
އޭސް މޮނާކޯ
މޮނާކޯގެ ކޯޗަކަށް އޮންރީ
އޮންރީ ކެރިއަރު ފެށީވެސް މޮނާކޯ އިން

އޭއެސް މޮނާކޯ އިން ކެރިއަރުފެށި ފްރާންސްގެ ފޯވާޑް ތިއެރީ އޮންރީ އެކުލަބުގެ ކޯޗުގެ މަޤާމާއި ރަސްމީކޮށް ހަވާލުވެ، އޭނާގެ ކޯޗިން ކެރިއަރު ފަށައިފިއެވެ.

އުމުރުން 41 އަހަރުގެ އޮންރީ 2016 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރަމުން އައީ ބެލްޖިއަމް ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒްގެ އެސިސްޓަންޓެއްގެ ގޮތުގަ އެވެ.

މޮނާކޯގައި އޮންރީގެ އެހީތެރިންނަށް ހަމަޖެއްސީ ބެންފީކާގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗު ޔޮއާއޯ ކާލޯސް ވަލާޑޯ އާއި އާސެނަލްގެ 18 އަހަރުން ދަށުގެ ޓީމުގެ ކޯޗު ޕެޓްރިކް ވާމޭ އަމްޕަޑޫ އެވެ.

މޮނާކޯގެ ކޯޗަކަށް އޮންރީ ހަމަޖައްސާފައިވަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ. މޮނާކޯގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ލިއޮނާޑޯ ޖާޑިމް މިދިޔަ ބުރާސްފަތި ދުވަހު މަގާމުން ވަކި ކުރުމާ ގުޅިގެންނެވެ.

ފްރެންޗް ލީގުގައި ނުވަ މެޗު ކުޅެ ނިމުނުއިރު މޮނާކޯ އޮތީ ހަ ޕޮއިންޓާ އެކު ލީގުގެ 19 ވަނައިގައެވެ.

މޮނާކޯގެ ކޯޗުކަމާ ހަވާލުވުމަށްފަހު އޮންރީ ބުނީ މޮނާކޯ އަކީ އޭނަ އަށް ވަރަށް ހާއްސަ ކްލަބެއް ކަމަށާއި މިފަދަ ފުރުސަތެއް ދިނީތީ ކްލަބުގެ އިސްވެރިންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

ސީނިއާ ކެރިއަރު މޮނާކޯ އިން ފެށި އޮންރީވަނީ މޮނާކޯ އަށް 141 މެޗު ކުޅެދީ 28 ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި އޮންރީ ވަނީ 1997 ވަނަ އަހަރު މޮނާކޯ އާއެކު ފްރެންޗް ލީގުވެސް ކާމިޔާބުކޮށްފައެވެ.

ފްރާންސްގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އޮންރީ ވަނީ މޮނާކޯގެ އިތުރުން އާސެނަލް އާއި ބާސެލޯނާ އަށް ވެސް ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް