ކ. މާލެ
|
14 އޮކްޓޯބަރ 2018 | އާދީއްތަ 15:48
ޖަރުމަނުން އަތުން ނެދަލޭންޑްސްއަށް ލިބުނީ ތާރީޚީ މޮޅެއް
ޖަރުމަނުން އަތުން ނެދަލޭންޑްސްއަށް ލިބުނީ ތާރީޚީ މޮޅެއް
އޭއެފްޕީ/ގެޓީ
ޔުއެފާ ނޭޝަންސް ލީގު
ޖަރުމަނު އަތުން ނެދަލޭންޑްސްއަށް ތާރީޚީ މޮޅެއް!
ސޯޅަ އަހަރުތެރޭ ފުރަތަމަ މޮޅު

ޔުއެފާ ނޭޝަންސް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ޖަރުމަނު އަތުން ނެދަލެންޑްސް ތާރީޚީ ބޮޑު މޮޅެއް ހޯދައިފި އެވެ.

ނެދަލެންޑްސްގެ ތާރީހުގައި ޖަރުމަނު އަތުން ވާދަވެރި މެޗެއްގައި ހޯދި އެންމެ ބޮޑު މޮޅާއެކު މި މެޗު އެގައުމުން ކާމިޔާބުކުރީ 3-0 އިންނެވެ. މީ ވޭތުވެދިޔަ 16 އަހަރުގެ ދުވަހުގެ ތެރޭގައި ޖަރުމަނު އަތުން ނެދަލޭންޑްސްއަށް މޮޅެއް ލިބުނު ފުރަތަމަ ފަހަރެވެ.

މި ގްރޫޕުގައި މިހާތަނަށް ކޮންމެ ޓީމެއް ދެމެޗު ކުޅުނުއިރު ހަތަރު ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި ފްރާންސް އުޅޭއިރު ދެވަނައިގައި އޮތް ހޮލެންޑަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. ޖަރުމަނަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ދުނިޔޭގެ ޗެމްޕިއަންކަން 2014 ވަނަ އަހަރު ހޯދައިފައިވާ ޖަރުމަންގެ ފަރާތުން ފަހަކަށް އައިސް ފެންނަމުންދާ ދަށް ކުޅުމުގެ ސަބަބުން އެޓީމުގެ ކޯޗު ޔަކީމް ލޯ ވަނީ ޕްރެޝަރަށް ވެއްޓިފައެވެ.

ނިމިދިޔަ ވޯލްޑްކަޕްގެ ވެސް ގްރޫޕް ސްޓޭޖުން ހިތްދަތި ގޮތަކަށް ކަޓައިގެންދިޔައިރު އެޓީމު އެންމެ ފަހުން ކުޅުނު 10 މެޗުގެތެރެއިން މޮޅުވީ އެންމެ ތިން މެޗުންނެވެ.

އެންމެ ފަހުން ކުޅުނު ބައިނަލްއަގްވާމީ ބޮޑު ދެ މުބާރާތަށް ކޮލިފައިނުވެ ނެދަލެންޑްސް ފުޓްބޯޅަ އަޑިގަނޑަކަށް ވެއްޓިފައި އޮއްވައި އެ ޓީމާ ހަވާލުވުމަށް ފަހު ރޮނާލްޑް ކޫމަން އަންނަނީ އެ ޓީމު ކުރިން އޮތް ހިސާބަށް ގެންދަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޔުއެފާ އިން އަލަށް ތައާރަފްކުރި ނޭޝަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ނެދަލަންޑްސްވަނީ ފްރާންސް އަތުން ބަލިވެފައެވެ. ނަމަވެސް ރޭގެ މޮޅުގެ ސަބަބުން އެޓީމަށްވަނީ ހިތްހަމަ ޖެހުމެއް ލިބިފައެވެ.

މެޗުގައި ނެދަލެންޑްސް އަށް ލީޑުނަގައިދިނީ އެ ޓީމުގެ ކެޕްޓަން ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް އެވެ. ޖަރުމަނަށް ނަތީޖާ ހަމަހަމަ ކޮށްދޭން ޖަރުމަނުގެ ޓިމޯ ވާނާ އާއި ލެރޯއި ސާނޭ އަދި ތޯމަސް މުލާ އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

މެޗުގެ 87 ވަނަ މިނިޓްގައި ކައުންޓަ އެޓޭކެއްގައި ނެދަލެންޑްސްގެ ލީޑުފުޅާކޮށްދިނީ މެމްފިސް ޑީޕާއި އެވެ. ފަހު ލަނޑު، މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ޖަހައިދިނީ ލިވަޕޫލަށް ކުޅޭ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމް އެވެ.

މިމުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ސްލޮވޭކިއާ އަތުން 2-1 އިން ޗެކް ރިޕަބްލިކް މޮޅުވިއިރު ބަލްގޭރިއާ އަތުން ސައިޕްރަސް ބަލިވީވެސް ހަމަ މިނަތީޖާއިންނެވެ. ޑެންމާކާއި އަޔަލެންޑް ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

- ކޮމެންޓް