ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗުން ތ. ތިމަރަފުށި އަތުން 7-0 އިން މޮޅުވެ ޓީސީ ސްޕޯޓްސް ކްލަބުން ލީގުގެ އެއް ވަނައިގައި ލީޑުފުޅާކޮށްފި އެވެ.
މި ހަފްތާގައި ކުޅުނު އެހެން މެޗުތަކުގެ ނަތީޖާތަކަށް ފަހު މި މެޗަށް ޓީސީ ނުކުތްއިރު އެއް ވަނައިގައި އެ ޓީމުގެ ލީޑު އޮތީ އެއް ޕޮއިންޓަށް ކުޑަވެފަ އެވެ. ނަމަވެސް މި މޮޅާއެކު ލިޑްވަނީ ހަތަރު ޕޮއިންޓަށް ފުޅާވެފައެވެ.
މި ނަތީޖާއާ އެކު ޓީސީ އެއް ވަނައިގައި އޮތީ އަށް މެޗުން 21 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓާއި ތިން ވަނައިގައި އޮތް އީގަލްސް އަށް އަށް މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ.
އެންމެ ފަހުން ކުޅުނު މެޗުން ޓީސީ ވަނީ ގްރީން ސްޓްރީޓްސް އަތުން ބަލިވެފަ އެވެ.
އަލީ އަޝްފާގު (ދަގަނޑޭ) ބެންޗުގައި ބައިންދައިގެން ޓީސީން ފެށި މެޗުގެ ފުރަތަމަ 11 މިނިޓް ތެރޭގައި ދެ ގޯލު ޖަހައިފަ އެވެ.
ފުރަތަމަ ލަނޑު މެޗުގެ ދެ ވަނަ މިނިޓްގައި ޖެހީ ޒުވާން ޑިފެންޑަރު މުހައްމަދު އަޖުފާން އެވެ. އަދި ޓީސީގެ ދެ ވަނަ ލަނޑު އޭގެ ހަތް މިނެޓް ފަހުން ކާމިޔާބު ކުރީ އިބްރާހިމް ވަހީދު ހަސަން 'ފެލައިނީ އިއްބެ' އެވެ.
ދެވަނަ ހާފްގައި ކުޅެން ނުކުތް ދަނގަޑޭވަނީ ޓީސީގެ ލީޑް ފުޅާކުރަން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. ޓީސީގެ ތިން ލަނޑު މެޗުގެ 55 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ބިދޭސީ ކުޅުންތެރިޔާ އަލާއެލްދީން ނާސިރެވެ.
ދެވަނަ ހާފުގައި ދެން ފެނިގެންދިޔައީ ހުނަރުވެރި ފޯވާޑް ސައްޓު އާއި އަޝްފާގް ލަނޑުތަކެވެ. ސައްޓު ފުރަތަމަ ލަނޑު ކާމިޔާބު ކުރީ 66 ވަނަ މިނެޓްގަ އެވެ. އޭނާ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ 74 ވަނަ މިނެޓްގަ އެވެ.
އަޝްފާގް ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 81 ވަނަ މިނެޓް ގައެވެ. ޓީސީގެ ހަތް ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 91 ވަނަ މިނެޓް ގައެވެ.
ޓީސީއާ ދެކޮޅަށް ނުކުތް ތިމަރަފުށި ލީގުގެ އެންމެ ފުލުގައި އޮތީ އަށް މެޗުން އެއް ޕޮއިންޓާ އެކު އެވެ. ބާކީ އެއް މެޗު އޮތްއިރު ލީގުގެ ދެ ވަނަ ބުރުގެ ހުރިހާ ފުރުސަތެއް ތިމަރަފުއްޓަށް ވަނީ ގެއްލިފަ އެވެ.
ތިމަރަފުށީގެ އެސިސްޓަންޓް ކޯޗު އަހުމަދު ނަދީމް ބުނީ ޓީމު އޮތް ހާލަތާ ބަލާ މި މެޗުގައި ވެސް ރަނގަޅަށް މަސައްކަތްކުރި ކަމަށާއި ފަހަކަށް އައިސް ޓީމު ކުޅެމުން އަންނަނީ ޓީމުގެ މުހިއްމު ކުޅުންތެރިން ނުލައި ކަމަށްވާތީ އުނދަގޫތަކެއް އެބަހުރި ކަމަށެވެ.
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ އެންމެ ފަހުން މާޒިޔާއާ ދެކޮޅަށް ތިމަރަފުށިން ދެއްކި ކުޅުމުން އުއްމީދުކުރީ މި މެޗު އުނދަގޫވާނެ ކަމަށް ކަމަށާއި އެހެން ނަމަވެސް ފެނުނީ ވަރަށް ފަސޭހަ މެޗެއް ކަމަށެވެ.
ލީގުގައި މި ބުރުގައި ދެން ކޮންމެ ޓީމަކަށް ބާކީ އޮތީ އެންމެ މެޗެކެވެ. އެ މެޗުތައް އޮންނާނީ އަންނަ އަންގާރަ އާއި ބުދަ އަދި ބުރާސްފަތި ދުވަހުގަ އެވެ.