ކ. މާލެ
|
14 އޮކްޓޯބަރ 2018 | އާދީއްތަ 00:20
މާރިޔާ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
މާރިޔާ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ފަލަ ސުރުހީ
ރައީސް ޔާމީނަށް ގާނޫނެއް ނޯވޭ: މާރިޔާ
ޕީޕީއެމްގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލައަށް މުޅި ރާއްޖެ ދަނީ ހެމުން
މި ރާއްޖޭގެ މަޝްރަހު ރައީސް ޔާމީން ނޫން ހުރިހާ ބޭފުޅުންނަށް ސާފު

އިންތިޚާބުން ބަލިވި ރައީސް އަބްދުﷲ ޔާމީން ކަމެއް ކުރައްވަން ބޭނުންފުޅު ނަމަ، ޤާނޫނެއް ނޯންނަ ކަމަށް އިންތިހާބީ ރައީސްގެ ތަރުޖަމާނު އަދި މައްޗަން ގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއެއްގެ ކިބައިގައި ހުންނަންޖެހޭ އެއްވެސް ސިފަފުޅެއް މިހާރު ރައީސް ޔާމީންގެ ނެތް ކަމަށާއި ޕީޕީއެމްގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލައަށް މުޅި ރާއްޖެ ހެމުންދާ ކަމަށެވެ.

"އެއްދުވަހު ރައީސް އޮފީހުގައި އެކައްޗެއް ވިދާޅުވެފައި އަނެއް ދުވަހު ޕީޕީއެމްގެ ކޮންގްރެސްގައި އެހެން އެއްޗެއް ވިދާޅުވެފައި އަނެއް ދުވަހު ހުރަފާ [ޕީޕީއެމްގެ އޮފީސް] ކުރިމަތީގައި އެހެން އެއްޗެއް ވިދާޅުވެފައި، ތިން ވައްތަރަށް އެކަކު މި މަސައްކަތް ކުރަނީ. ރައްޔިތުންނަށްވުރެ މައްޗަށް އަރާ ރައްޔިތުން ބަލައިނުގަންނަ ބޭފުޅެއް މިހާރު އެހެން އުޅުއްވީމަ އަޅުގަނޑުމެން ކަންބޮޑުވޭ" މާރިޔާ ވިދާޅުވިއެވެ.

މި ރާއްޖޭގެ މަޝްރަހު ރައީސް ޔާމީން ނޫން ހުރިހާ ބޭފުޅުންނަށް ސާފު ކަމަށާއި ހަޤީޤަތުގައި ރައްޔިތުން ތިބީ މި ސަރުކާރުން ހިންގާ ކޮރަޕްޝަނާއި ވައްކަމާއި އަނިޔާވެރިކަމާއި މެދު ހިތްހަމަނުޖެހިފައި ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ފެންނަ ގޮތް ވަރަށް ރަނގަޅަށް ވޯޓުން އެ އޮތީ ހާމަކޮށްފައި ކަމަށް މާރިޔާ ތަކުރާރު ކުރެއްވިއެވެ.

ދޫސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ވެސް ބަލައިގަތީ ބިރުވެރިކަމެއްގެ ތެރޭގައި ތިބެ ކަމަށް ޤަބޫލުކުރެވޭކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ އެ މައްސަލަ ބަލައިގަތްއިރު، އެއީ ދުސްތޫރީ މައްސަލައެއް ނޫން ކަމަށް ސުޕްރީމް ކޯޓަށް ވެސް އިނގޭނެ ކަމަށެވެ. ފަނޑިޔާރުންގެ މައްޗަށާއި ގާޒީންގެ މައްޗަށް ނުފޫޒު ފޯރުވޭނެ ފަދަ މީހެއް ރައީސް ޔާމީންގެ ޕަރާތްޕުޅުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވުމަކީ ވަރަށް ވިޔާނުދާ ކަމެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

"ގާޒީންގެ މައްޗަށް ނުވަތަ ފަނޑިޔާރުންގެ މައްޗަށް ނުފޫޒު ފޯރުވިދާނެ ބޭފުޅަކަށް ހުންނަވައިގެން ވަޑައިގަތުން އެއީ ހަމަ ވަރަށް ވިޔާނުދާ ކަމެއް" މާރިޔާ ވިދާޅުވިއެވެ.

ޕްރޮގްރާމް ނިންމަވާލައްވަމުން މާރިޔާ ވިދާޅުވީ އުންމީދަކީ ސުޕްރީމް ކޯޓުން ރައްޔިތުންގެ ނިންމުމަށް އިހްތިރާމްކޮށް ކަންކަން ކުރިއަށް ގެންދިޔުން ކަމަށެވެ. އަދި ރައްޔިތުންގެ ނިންމުން ބަލައިގަނެ އެކަމަށް ގޮން ނުޖެއްސުން ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް