ޔޫއެފާ ނޭޝަންސް ލީގުގައި ހުކުރު ދުވަހުގެ ރޭ ސަޕޯޓަރުން އިންގްލޭންޑާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ.
އަމިއްލަ ގައުމުގައި ކްރޮއޭޝިއާ އިން މިމެޗު ކުޅެން ޖެހުނީ އަމިއްލަ ސަޕޯޓަރުން ނުވައްދާ ފަޅު ދަނޑެއްގައެވެ. މި މެޗަށް ސަޕޯޓަރުން ވައްދާފައި ނުވަނީ ޔޫއެފާއިން އެގައުމަށް ދީފައިވާ އަދަބެއްގެ ސަބަބުންނެވެ.
ޔޫއޭފާ އިން ކްރޮއޭޝިއާއަށް އަދަބުދީފައިވަނީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް ކްރޮއޭޝިއާ އިން ކުޅުނު މެޗެއް ފެށުމުގެކުރިން ކުޅިވަރުގެ ރޫހާ ހިލާފު ކަންތައްތަކެއް ސަޕޯޓަރުން ހިންގުމުންނެވެ.
އެ މެޗުގައި ކްރޮއޭޝިއާގެ ސަޕޯޓަރުން ވަނީ މެޗު ފެށުމުގެ ކުރިން ކުޅިވަރުގެ ރޫހާ ހިލާފު ނިޝާނެއް ދަނޑުމަތީގައި ކުރަހާފައެވެ.
ދެޓީމަށްވެސް ލަނޑެއް ނުޖެހި މެޗު ނިންމާލަން ޖެހުނު ނަމަވެސް އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވަނީ އިންގްލޭންޑަށެވެ.
އެގޮތުން އިންގްލޭންޑްގެ ޒުވާން ފޯވާޑް މާކަސް ރަޝްފޯޑް އަށް ހުސް ދެ ފުރުސަތެއް ލިބިފައިވާއިރު އޭނާ ފޮނުވާލި އެ ދެ ހަމަލާވެސް ދިފާއުކުރީ ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗްއެވެ.
މި މެޗުގައި ގޯލެއް ކާމިޔާބުކުރަން ކްރޮއޭޝިއާ އަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ ކްރަމަރިޗް އަށެވެ. ނަމަވެސް އެ ހަމަލާ އިނގިރޭސި ކީޕަރު ޕިކްފޯޑް ވަނީ ދިފާއުކޮށްފައެވެ.
ޔުއެފާ ނޭޝަންސް ލީގުގައި ހަތަރު ފަންތީގެ ހަތަރު ލީގެއް އޮވެއެވެ. އިނގިރޭސިން އޮތީ މުބާރާތުގެ އެންމެ ވަރުގަދަ ޓީމުތައް ހިމެނޭ ލީގު ކަމަށްވާ އޭ ލީގުގެ ގްރޫޕް ހަތަރެއްގެ ދެވަނައިގައެވެ.
މުބާރާތުގައި އިންގްލޭންޑް ދެން ބައްދަލުކުރާނީ ސްޕެއިންއާއެވެ. ސްޕެއިންގެ ދަނޑުގައި ކުޅޭ އެ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރެއެވެ. މި ދެޓީމުގެ ފުރަތަމަ ކުރިަމތިލުން ސްޕެއިން އިން ކާމިޔާބުކުރީ 1-2 އިންނެވެ.