އެފްރިކަޕް ކަޕް އޮފް ނޭޝަންސްގައި ހުކުރު ދުވަހުގެ ރޭ މިސްރު ކުޅުނު މެޗުގައި އލިވަޕޫލްގެ ތަރި މުހައްމަދު ސަލާހު އަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް ކޯޗު ބުނެފިއެވެ.
މި މެޗުގައި ސަލާހަށް އަނިޔާވީ މެޗުގެ ފަހުކޮޅުގައެވެ. އަދި އޭނާގެ ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން ވަނީ ދަނޑުން ބާލާފައެވެ. އަނިޔާވުމުގެ ކުރިން ސަލާހު ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީފައެވެ.
ސްވާޒިލޭންޑާއި ދެކޮޅަށް މިސްރު ކުޅުނު މެޗުން މޮޅުވެފައި ވަނީ 1-4 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ސަލާހު ގޯލެއް ޖަހާފައި ވަނީ މި މިސްރަށް ލިބުނު ކޯނަރެއް ސީދާ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
ސަލާހުގެ އިތުރުން މި މެޗުގައި މިސްރުގެ ލަނޑުތައް ޖަހާފައި ވަނީ އަހުމަދު އަލް މޮހްމަދީ އާއި އަމްރު ވަރްދާ އަދި މުހައްމަދު ޓްރެޒެގޭޓް ހަސަނެވެ. ސްވާޒިލޭންޑް ހަމަ އެކަނި މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ފަސް މިނެޓު ކުރިން ޖަހައިދިނީ ސިބޮންޖިން ޚޮޝީ ގަމެޑްޒްއެވެ.
މެޗަށް ފަހު މިސްރު ޓީމުގެ ކޯޗު ބުނީ އަނިޔާވެފައި ވަނީ ސަލާހުގެ ފައިގެ ފަލަމަސްގަނޑަށް ކަމަށާއި އަނިޔާގެ ކުޑަބޮޑުމިން އެނގޭނީ އިތުރު ޓެސްޓްތައް ހެދުމުން ކަމަށެވެ.
އެފްރިކަޕް ކަޕް އޮފް ނޭޝަންސްގެ މި މެޗުން ލިބުނު މޮޅަކާ އެކު މިސްރު އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ގްރޫޕް ޖޭގެ އެއްވަނައިގައެވެ.
ލިވަޕޫލަށް މިދިޔަ ސީޒަނުގައި 44 ގޯލު ސަލާހު ކާމިޔާބުކޮށްދިން އިރު މި ސީޒަނުގައި ލިވަޕޫލް އިން ކުޅުނު މިހާތަނަށް ކުޅުނު 11 މެޗުގައި ސަލާހު އަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ތިން ގޯލެވެ.