ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހުކުރު ދުވަހު ހަވީރު ކުޅުނު މެޗުން 4-1 އިން ވިކްޓަރީ ބަލިކޮށް ގްރީން ސްޓްރީޓްސް ހިތްހަމަޖައްސާލެވޭ ވަރުވެއްޖެއެވެ.
ލީގު މެދުކެނޑުމަކަށް ފަހު މިދިޔަ މަހު އަލުން ފެށި އިރު، ފުރަތަމަ ކުޅުނު ދެ މެޗުން ގްރީން ސްޓްރީޓްސް ވަނީ ބަލިވެފައެވެ. ނަމަވެސް ފަހުން ކުޅުނު ދެމެޗުން މޮޅުވެ، ގްރީން އަންނަނީ ރަނގަޅު ފޯމަކަށް އެޅެމުންނެވެ.
މޮޅާ އެކު ގްރީން ސްޓްރީޓްސް ވަނީ ހަތަރު ވަނަ އަށް ޖެހިލައިފައެވެ. ގްރީން ސްޓްރީޓްސް އަށް މެޗުން 16 ޕޮއިންޓް ވަނީ ލިބިފައެވެ.
ވިކްޓަރީއާ ދެކޮޅަށް ގްރީނުން ނުކުތީ ފުރަތަމަ އެގާރައަށް ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ގޯލް ކީޕަރު ލަބާންގެ ބަދަލުގައި ފުރަތަމަ އެގާރައިގައި ހިމަނާފައި ވަނީ މުހައްމަދު ޖަޒްލާން (ބަބޭ) އެވެ.
މީގެ އިތުރުން ޒުވާން ކުޅުންތެރިއާ އަބްދުﷲ ޔާމީން ވަނީ ހިމަނާފައެވެ. މި މެޗުގައި ގްރީންގެ ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) ފުރަތަމަ އެގާރައިގައި ހިމަނާފައެއް ނުވެއެވެ.
ވިކްޓަރީގެ ތަޖިކިސްތާން ޑިފެންޑަރު ޗަކަލޯފް ފިރްދައުސް އާއި ސްޕެއިނުގެ ޑިފެންޑަރު ޔަކީން ކާލޯސް ވަނީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވެފައެވެ.
މި މެޗުގައި ގްރީން ސްޓްރީޓްސް އިން ލީޑު ނެގީ މެޗުގެ 16 ވަނަ މިނިޓްގައި ރަސެލް ޖެހި ޕެނަލްޓީންނެވެ. ގްރީން ސްޓްރީޓްސްގެ ދެ ވަނަ ލަނޑު މެޗުގެ 32 ވަނަ މިނިޓްގައި ކާމިޔާބުކުރީ މުހައްމަދު ޝައްފާޒް (ސައްޕޭ)އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިކްޓަރީންވަނީ މެޗުގެ 40 ވަނަ މިނިޓްގައި މި ލަނޑެއް ޖަހާފައެވެ. މި ލަނޑު ޖެހީ އަހުމަދު ރަޝީދު (އައްމަޑޭ)އެވެ.
ގްރީން ސްޓްރީޓްސްގެ ތިން ވަނަ ލަނޑު މެޗުގެ 71 ވަނަ މިނިޓްގައި ކާމިޔާބުކުރީ ރަސެލް އެވެ. އޭގެ އަށް މިނިޓް ފަހުން އޭރިއާތެރެއިން ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި ރަސެލް ވަނީ ތިން ވަނަ ލަނޑެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
މި މެޗާ ބެހޭ ގޮތުން ވިކްޓަރީގެ އެސިސްޓަންޓް ކޯޗު އަހުމަދު ނިޔާޒް (ނިޔާ) ބުނީ ޓީމު މި ވަގުތު އޮތްހާލަތާއި ޕްރެކްޓިސް ކުރެވުނު ވަރާ ބަލާއިރު ކުޅުންތެރިން މި މެޗުގައި ވެސް ކުރި މަސައްކަތް ފާހަގަކުރަން ޖެހޭ ކަމަށެވެ.
ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ މި މެޗުގެ ނަތީޖާ އަށް ވުރެން ބޮޑަށް ލިބޭ ހިތްހަމަ ޖެހުމަކީ ފުރުސަތުދިން ކުޅުންތެރިން ދެއްކި ކުޅުމާއި ކުރި ހިތްވަރު ކަމަށެވެ.