ކ. މާލެ
|
14 އޮކްޓޯބަރ 2018 | އާދީއްތަ 19:35
ނިލަންދޫގެ ކުޅުންތެރިއަކު ހިފަހައްޓަން ނިއުގެ ހޮކޭ މަސައްކަތް ކުރަނީ
ނިލަންދޫގެ ކުޅުންތެރިއަކު ހިފަހައްޓަން ނިއުގެ ހޮކޭ މަސައްކަތް ކުރަނީ
އިމޭޖަސް.އެމްވީ
ދިރާގު ދިވެހި ޕްރިމިއަރ ލީގު
ނިލަންދޫ އަތުން މޮޅުވެ، ނިއު ދެވަނަ އަށް
ނިއު ދެވަނައިގައި އޮތީ ގޯލްގެ ތަފާތުން

ފ. ނިލަންދޫ އަތުން 1-0 އިން މޮޅުވެ ނިއު ރޭޑިއަންޓުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމަށް އަލުން ޖެހިލައިފިއެވެ.

މި މެޗުގެ ހަމައެކަނި ގޯލު ފެނިގެން ދިޔައީ މެޗު 27 ވަނަ މިނެޓުގައި ނިއު އަށް ލިބުނު ޕެނަންޓީއަކުންނެވެ.

ނިލަންދޫގެ ހަބީލާ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ސެންޓޭ އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ.

މިމެޗުން މޮޅުވެ ނިއު ދެވަނަ މަޤާމަށް ޖެހިލީ ކުރިން އެ މަޤާމުގައި އޮތް އީގަލްސްއަށްވުރެ ގޯލުގެ ތަފާތުން ކުރި ލިބިގެންނެވެ. ނިއު އެ މަގާމަށް އެރީ 17 ޕޮއިންޓާ އެކު އެވެ.

އީގަލްސް ތިން ވަނަ އަށް ވެއްޓުނުއިރު ހަތަރު ވަނައިގައި 16 ޕޮއިންޓާ އެކު އޮތީ މާޒިޔާ އެވެ. ނިލަންދޫ އޮތީ ހަތް ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ. އެއް ވަނައި ގައި 18 ޕޮއިންޓާ އެކު އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ.

ހުކުރު ދުވަހުގެ ރޭގެ މެޗުގައި ނިއު އަށް ވަނީ ރަނުގެ ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން އެޓީމަށް ހިފޭ ގޮތެއް ނުވިއެވެ.

އެގޮތުން ނިއުގެ މެޗުގެ ތިން ވަނަ މިނެޓާއި ހަތަރު ވަނަ މިނެޓުގައި ސެންޓޭ އަށް ގޯލް ކުރިމަތިން ހުހަށް ލިބުނު ފުރުސަތާއި 16 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) އަށް ލިބުނު ފުރުސަތު ފާހަގަ ކޮށްލެވެއެވެ.

ނިއުގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހީމް ބުނީ އުނދަގޫ ހާލަތެއްގައި އޮތުމުން، އުނދަގުލުން ވެސް ތިން ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ ކަމަށެވެ. އަދި ލިބުނު ފުރުސަތުތަކަށް ބަލާއިރު ގިނަ ގޯލްތަކެއް ޖެހުމުގެ ފުރުސަތު އޮތްކަން އޭނާ ފާހަގަކުރިއެވެ.

ނިލަންދޫގެ ކޯޗު އާދަމް އަބްދުއްލަތީފް (ލައްޗޭ) ބުނީ އެ ޓީމުން ލީގު ގައި ވާދަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މިފަދަ ވަރުގަދަ މެޗުތައް ކުޅުން ކަމަށާއި ބަލިވި ނަމަވެސް ނިއު ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅުންތެރިން ދެއްކި އޯގަނައިޒް، ރަނގަޅު ކުޅުން ފާހަގަކުރާ ކަމަށެވެ.

- ކޮމެންޓް