ކ. މާލެ
|
12 އޮކްޓޯބަރ 2018 | ހުކުރު 08:42
ގަރލްސް ލީޑް އިނީޝިއަޓިވް ޕްރޮގްރާމްގެ ބައިވެރިންނާއި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ
ގަރލްސް ލީޑް އިނީޝިއަޓިވް ޕްރޮގްރާމްގެ ބައިވެރިންނާއި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ
ޖެންޑާ މިނިސްޓްރީ
ގަރލްސް ލީޑް އިނީޝިއަޓިވް ޕްރޮގްރާމް
ގަރލްސް ލީޑް އިނީޝިއަޓިވްގެ ނަމުގައި ޕްރޮގްރާމެއް ހިންގައިފި
އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހުން 11 ވަނަ ދުވަހަށް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ
މި ޕްރޮގްރާމް ބާއްވާފައިވަނީ ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި

ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިސްނަގައިގެން "ގަރލްސް ލީޑް އިނީޝިއޭޓިވް"ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހުން 11 ވަނަ ދުވަހަށެވެ. ސްކޫލްތަކާއި ކޮލެޖްތަކުގައި ތައުލީމު ހާސިލުކުރަމުންގެންދާ 16 އަހަރާއި 18 އަހަރާ ދެމެދުގެ 23 ކުދިން ބައިވެރިވި މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ޖެންޑަރ މިނިސްޓްރީ އާއި ޔުނިސެފް މޯލްޑިވްސް ގުޅިގެންނެވެ.

އަންހެންކުދިންގެ ޙައްޤުތައް ކުރިއެރުވުމަށާއި، އަންހެން ކުއްޖަކަށް ވީތީ މުޖުތަމަޢުގައި ދިމާވާ ގޮންޖެހުންތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގުނު މި ޕްރޮގްރާމްގައި ސަރުކާރުގެ އެކި ވުޒާރާތަކާއި، އަމިއްލަ ކުންފުނިތަކާއި މަދަނީ ޖަމުޢިއްޔާތައް އަދި އެހެނިހެން މުއައްސަސާތަކުގެ އިސް މަޤާމުތަކުގައި ފާހަގަކޮށްލެވޭ ކަނބަލުންނާއެކު މަސައްކަތް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ކުދިންނަށް ދިނުމުގެ އިތުރުން، މަޢުލޫމާތު ދިނުމުގެ ގިނަ ސެޝަންތަކެއް ހިންގިފައިވެއެވެ.

އޭގެ ތެރޭގައި އަންހެން ކުދިންގެ ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމާއި، އަންހެން ކުދިންގެ ޞިއްޙަތާއި، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި، އަންހެނުންނާއި އަންހެން ކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް އ.ދ. އިން އެކުލަވައިލައިފައިވާ މުޢާހަދާއަށް ޕްރޮގްރާމްގެ ތެރެއިން ވަނީ ހޭލުންތެރިކޮށްފައެވެ.

ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ މި ޕްރޮގްރާމްގެ އަމާޒަކީ އަންހެން ކުދިން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި އުންމީދުތަކަށް ވާސިލުވުމަށް ފުރުސަތު ތަނަވަސް ކޮށްދިނުމުގެ އިތުރުން، އެކި ދާއިރާތަކުގައި ނިންމުން ނިންމާ ފެންވަރުގެ ވަޒީފާތަކާ ހަމަޔަށް ދިޔުމަށް ހިތްވަރު ދިނުން ކަމުގައެވެ. 

ފާއިތުވި ދެ އަހަރު ވެސް މި ޕްރޮގްރާމް ޖެންޑަރ މިނިސްޓްރީގެ ފަރާތުން ހިންގާފައިވެއެވެ. ބައިނަލްއަޤުވާމީ އަންހެންކުދިންގެ ދުވަހަކީ، އަންހެންކުދިންގެ ޙައްޤުތައް ކުރިއެރުވުމަށާއި އަންހެން ކުއްޖަކަށްވީތީ މުޖުތަމަޢުގައި ދިމާވާ ގޮންޖެހުންތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އ.ދ.ގެ ޢާންމު މަޖިލީހުން ފާސްކޮށް 2011ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުންދާ ދުވަހެކެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް