ޓޭބަލްޓެނިސް މުބާރާތެއް ބޭއްވޭނެ ފެންވަރުގެ އިމާރާތެއް ނެތުމުން މިއަހަރުގެ ގައުމީ ޓޭބަލްޓެނިސް މުބާރާތް ބޭއްވޭނެ ކަމާމެދު ސުވާލު އުފެދިއްޖެއެވެ.
ގައުމީ ޓޭބަލްޓެނިސް މުބާރާތް ޝެޑިއުލްކޮށްފައިވަނީ އަހަރުގެ ފަހުކޮޅަށެވެ. މިދިޔަ އަހަރުވެސް އެގޮތަށް ކަންތައް ދިމާވެގެން އެ މުބާރާތް ބޭއްވީ މިއަހަރުގެ ކުރީކޮޅުގައެވެ.
ޓީޓީ މުބާރާތްތައް މި އަހަރުން ފެށިގެން ކުރިއަށް ދަނީ، ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގަ އެވެ. ވޮލީބޯޅަ އާއި ބާސްކެޓްބޯޅަ އަދި ނެޓްބޯޅަ މުބާރާތްތައް ކުޅެނީވެސް އެތަނުގައެވެ.
ޓީޓީ އެސޯސިއޭޝަނުން ބުނީ މުބާރާތްތައް ބޭއްވުމަށް އިމާރާތުގެ ދަތިކަން ކުރިމަތި ވެފައިވާ ކަމަށެވެ. މި އަހަރުގެ ކަލަންޑަރު އަދި އިތުރު ތިން މުބާރާތެއް ބޭއްވުމަށް ވަނީ ތާވަލު ކޮށްފަ އެވެ.
ތާވަލްކޮށްފައިވާ ތިން މުބާރާތަކީ ގައުމީ މުބާރާތުގެ އިތުރުން އެސޯސިއޭޝަން ކަޕާއި އިންޓަ އޮފީސް މުބާރާތެވެ. އެ ތިން މުބާރާތްވެސް ބޭއްވި ދާނެ ކަމުގެ ޔަގީން ކަމެއް ނެތެވެ.
މިދިޔަ އަހަރާ ހަމަޔަށް ޓީޓީގެ މުބާރާތްތައް ބާއްވަމުން ގެންދިޔައީ ސޯޝަލް ސެންޓަރުގެ ގޯތި ތެރޭގައި ހަދާފައިވާ އިމާރާތެއްގެ ތެރޭގައެވެ.
މި އަހަރަށް ކަނޑައަޅާފައިވާ ގައުމީ މުބާރާތް ނުބޭއްވިއްޖެނަމަ އަނެއްކާވެސް މުބާރާތް ބާއްވަން ޖެހޭނީ އަންނަ އަހަރު އެވެ. ގައުމީ މުބާރާތަކީ ރާއްޖޭގެ ޓިޓީގެ އެންމެ ފޯރިގަދަ މުބާރާތެވެ.