ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަންގެ މުބާރާތް ނުބާއްވާ ގޮތަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ނިންމައިފިއެވެ.
ވޮލީބޯލް އެސޯސިއޭޝަނުން މި ފަހަރުގެ ގައުމީ ލީގު ނުބާއްވަން ނިންމީ ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓު ލިބިފައިވާ މުއްދަތުގެ ތެރެއަށް ފައްތައިގެން މުބާރާތްތައް ކުރިއަށްގެންދިއުމުގެ ގޮތުންނެވެ.
ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަންގެ މުބާރާތް ނުބާއްވާ ގޮތަށް ނިންމި ނަމަވެސް ގައުމީ މުބާރާތާއި އެސޯސިއޭޝަން ކަޕް މި ފަހަރު ވެސް އޮންނާނެއެވެ.
ގައުމީ ވޮލީބޯޅަ ލީގަކީ ކުރިން މާލޭ ލީގުގެ ނަމުގައި ފަށައި ގިނަ އަހަރުތަކެއް ވަންދެން ކުރިއަށް ދިޔަ މުބާރާތެކެވެ.
ކުރިން ގައުމީ މުބާރާތަށް ގައުމީ ލީގުން ޓީމުތައް ކޮލިފައިވާއިރު މި ފަހަރު އަންނަ ބަދަލުތަކުގެ ތެރޭގައި އެސޯސިއޭޝަން ކަޕަށް ބަލައިގެން ގައުމީ މުބާރާތަށް ޓީމުތައް ކޮލިފައިވާ ގޮތަށް ވަނީ ރާވާފައެވެ.
އާންމުކޮށް ކޮންމެ އަހަރަކު ވެސް ވޮލީގެ ގިނަ މުބާރާތްތައް އޮންނަނީ އަހަރު ފަހު ކޮޅުގައެވެ. މި އަހަރުގެ މިހާތަނަށް ފިރިހެން ކުޅުންތެރިންނަށް އޮތީ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތެވެ.
އަންހެން ކުޅުންތެރިންނަށް އެސޯސިއޭޝަން ކަޕް އޮތްއިރު މި އަހަރުގެ މުބާރާތްތައް ލަސްވާތީ ކުޅުންތެރިން ވަނީ ކަންބޮޑުން ފާޅުކޮށްފައެވެ.
ވީއޭއެމުން ވަނީ އަންނަ ހަފްތާ ތެރޭގައި އެސޯސިއޭޝަން ކަޕް ފަށަން ނިންމައިފައެވެ. އަދި ގައުމީ މުބާރާތް ވެސް މި މަހު ތެރޭގައި ބާއްވާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.