ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް މުސާރަ އާއި ބޯނަސް ލަސްވަމުން އަންނަނީ އެފްއޭއެމްގެ ސަބަބުން ކަމަށް ކުޅިވަރާ ބެހޭ މިނިސްޓްރީން ބުނެފިއެވެ.
ކުޅިވަރާ ބެހޭ މިނިސްޓްރީގެ އިސް އޮފިޝަލަކު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ ކުޅުންތެރިންގެ މުސާރައާ ބޯނަސް ލަސް ވަނީ އެފްއޭއެމް އިން ތަފްސީލް ފޮނުވުން ލަސްވުމުން ކަމަށެވެ.
އޮފިޝަލް ވިދާޅުވެފައި ވަނީ އާއްމު އުސޫލަކީ ނިމުނު މަހުގެ މުސާރަ ޝީޓް ފެށޭ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ފޮނުވުން ކަމަށެވެ. ނަމަވެސް އެފްއޭއެމް އިން ތަފްސީލުތައް ފޮނުވަނީ ކޮންމެ ތިން މަހުން އެއް މަހު ކަމަށް އޮފިޝަލް ވިދާޅުވެފައި ވެއެވެ.
އެފްއޭއެމް އިން އެގޮތަށް ކަންތައްކުރަނީ ކުޅުންތެރިން ބޭނުންވެގެން ކަމަށް ބުނެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި އެގޮތަށް ކުޅުންތެރިން ބޭނުންވަނީ އެއް ފަހަރާ ލިބޭ އަދަދު ބޮޑުވުމުން އެގޮތް ބޭނުންވާތީ ކަމަށް އެފްއޭއެމުން ބުނެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ މި ފަހަރުގެ ތަފްސީލުތައް ފޮނުވީ މިދިޔަ އާދީއްތަ ދުވަހު ކަމަށާއި، ޓެކްނިކަލް މައްސަލައަކާ ހެދި ލަސްވި ނަމަވެސް ފަހަރުގައި ބުރާސްފަތި ދުވަސް (މިއަދު) ވެސް މުސާރަ ޖަމާވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ ތިން މަހުން ފޮނުވީ މި ފަހަރު އެކަނި ކަމަށާއި އެގޮތަށް ހެދީ ސާފް ސުޒުކީ ކަޕުގެ ޓްރެއިނިންގެ ކޭމްޕް އޮތުމުން ފައިނަލް 23 ކުޅުންތެރިން ކުރީ ބައިގައި އެނގިދާނެތީ ކަމަށެވެ.
ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ގައުމީ ޓީމުގެ ކުޅުންތެރިން ވަނީ މިދިޔަ ތިން މަހުގެ މުސާރަ ނުލިބޭ ކަމަށާއި އަދި ތަށި ހޯދުމުން ސަރުކާރުން ދޭން ޖެހޭ ބޯނަސް އާއި އެފްއޭއެމުން ދޭން ބުނި ބޯނަސް ނުދޭ ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.