މި އަހަރުގެ ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ 30 ކުޅުންތެރިންގެ ނަންތައް ފްރާންސް ފުޓްބޯލް އިން އިއުލާންކޮށްފިއެވެ.
ފްރާންސް ފުޓްބޯލް އިން އިއުލާންކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ސްޕެނިޝް ލީގަށް ނިސްބަތްވާ ކުޅުންތެރިންނެވެ. އެގޮތުން އެންމެ މޮޅު ކުޅުންތެރިންނަަށް ވާދަކުރާ ލިސްޓުގެ ތެރެއިން 14 ކުޅުންތެރިން ނިސްބަތްވަނީ ސްޕެނިޝް ލީގަށެވެ.
މީގެ އިތުރުން ޕްރިމިއާ ލީގުގެ 11 ކުޅުތެރިން ހިމެނޭއިރު އިޓާލިއަން ލީގުގެ ދެ ކުޅުންތެރިއަކާއި ފްރެންޗް ލީގުގެ ތިން ކުޅުންތެރިން ހިމެނެއެވެ.
ސްޕެނިޝް ލީގުން ވާދަކުރާ 14 ކުޅުންތެރިންގެ ތެރެއިން އަށް ކުޅުންތެރިން ނިސްބަތްވަނީ ރެއާލް މެޑްރިޑަށެވެ. އެ ކުޅުންތެރިންނަކީ ގޯލްކީޕަރު ތިބޯ ކޯޓުއާ އާއި ސާޖިއޯ ރާމޯސް އާއި މާސެލޯ އާއި ރަފޭލް ވަރާން އާއި އިސްކޯ އާއި ލޫކަ މޮޑްރިޗް ގެރެތް ބޭލްގެ އިތުރުން ކަރީމް ބެންޒެމާއެވެ.
ސްޕެނިޝް ލީގުން ދެން އެންމެ ގިނަ ކުޅުންތެރިން ހިމެނެނީ ބާސެލޯނާ އާ އެތްލެޓިކޯ މެޑްރިޑްގެ ތިން ކުޅުންތެރިންނެވެ. ބާސާ އިން ހިމެނެނީ މި އެވޯޑު ފަސް ފަހަރު ހޯދާފައިވާ ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒްގެ އިތުރުން އިވާން ރަކިޓިޗްއެވެ. އެތްލެޓިކޯ މެޑްރިޑްގެ ތިން ކުޅުންތެރިންނަކީ އެންޓޮއިން ގްރިޒްމަން އާއި ޑިއޭގޯ ގޮޑީންގެ އިތުރުން ގޯލްކީޕަރު އޮބްލަކްއެވެ.
ޕްރިމިއާ ލީގުގެ 11 ކުޅުންތެރިންގެ ތެރޭގައި އެންމެ ގިނައީ ލިވަޕޫލްގެ ކުޅުންތެރިންނެވެ. އެއީ މުހައްމަދު ސަލާހު އާއި ރޮބާޓޯ ފަމީނޯ އާއި ސަޑިއޯ މާނޭގެ އިތުރުން ގޯލްކީޕަރު އެލިސަން ބެކާއެވެ.
މެންޗެސްޓަރ ސިޓީގެ ދެ ކުޅުންތެރިން ހިމެނޭއިރު، އެ ދެ ކުޅުންތެރިންނަކީ ސާޖިއޯ އަގުއެރޯ އާއި ކެވިން ޑެ ބްރެއިނާއެވެ. އަދި ޗެލްސީގެ ވެސް ދެ ކުޅުންތެރިން ހިމެނޭއިރު އެ ކުޅުންތެރިންނަކީ އެޑެން ހަޒާޑް އާއި އެންގޯލޯ ކަންޓޭއެވެ.
މީގެއިތުރުން ޓޮޓެންހަމްގެ ދެ ކުޅުންތެރިންގެ ގޮތުގައި މި ލިސްޓުގައި ހިމެނެނީ ހެރީ ކޭން އާއި ގޯލްކީޕަރު ހޫގޯ ލޮރިސްއެވެ. މި ލިސްޓުގައި ހިމެނެނީ މެންޗެސްޓަރ ޔުނައިޓެޑަށް ނިސްބަތްވާ އެންމެ ކުޅުންތެރިއެކެވެ. އެއީ ފްރާންސާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި ޕޯލް ޕޮގްބާއެވެ.
އިޓާލިއަން ލީގުން ހިމެނެނީ ޗެމްޕިއަން ޔުވެންޓަސް އަށް ނިސްބަތްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މާރިއޯ މަންޒުކިޗްއެވެ. އަދި ފްރެންޗް ލީގުން މި ލިސްޓުގައި ހިމެނޭ ތިން ކުޅުންތެރިންނަކީ ވެސް ޕީއެސްޖީގެ ތިން ކުޅުންތެރިންނެވެ. އެއީ ނޭމާ އާއި އެމްބާޕޭގެ އިތުރުން ކަވާނީއެވެ.
މި އެވޯޑު ލިބޭ ކުޅުންތެރިއެއް އިއުލާންކުރާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުގެރޭ ފްރާންސްގެ ވެރިރަށް ޕެރިހުގައި ބާއްވާ ރަސްމިއްޔާތެއްގައެވެ.