ވިކްޓަރީން އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުން ހޯމަ ދުވަހު ހަވީރު ވާދަވެރި ނިއު ރޭޑިއަންޓާ 1-1 އިން އެއްވަރު ކޮށްފިއެވެ.
މި ނަތީޖާއާއެކު ނިއުއަށް ތާވަލުގައި ތަފާތު ކުޑަކުރަން ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. ވިކްޓަރީން މިމެޗަށް ނުކުތީ ލީގުގައި އެންމެ ފަހުން ކުޅެން އޮތް މެޗަށް ހާޒިރުނުވެ އަދި މާލީ މައްސަލަތަކެއް ވެސް ދިމާވެފައި އޮއްވައެވެ.
އެއްވަނައިގައި 18 ޕޮއިންޓާ އެކު އޮތް ޓީސީ ސްޕޯޓްސް ކްލަބް ގްރީންސްޓްރީޓްސް އަތުން ބަލިވުމުން، ނިއު އަށް އެމެޗުން މޮޅުވެ ޓީސީއާ ދެ ޕޮއިންޓަށް ގާތްކުރުމުގެ ފުރުސަތު އޮތެވެ.
ނިއު މި ވަގުތު ދެ ވަނައިގައި އޮތީ 14 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުންނެވެ. އަދި ތިން ވަނައިގައި އޮތް އީގަލްސް އަށް ވެސް ވަނީ އެ އަދަދަށް ޕޮއިންޓް ލިބިފަ އެވެ.
ކައުންޓަރ އެޓޭކިން ގޭމެއް ކުޅެމުން ދިޔަ ވިކްޓަރީން ލީޑު ނެގީ މެޗުގެ 59 މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ހުސެއިން ނިހާން (ނިހާޓު) އެވެ.
ނިއު އަށް އެއްވަރު ކޮށްދިނީ 75 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ސެންޓޭ އެވެ. އޭގެ ފަހުން ނިއު އިން ކުޅުން ރަނގަޅުކޮށް އިތުރު އެޓޭކްތަކެއް އުފެއްދި އެވެ.
ހަ ޕޮއިންޓާ އެކު އަށް ވަނައިގައި އޮތް ވިކްޓަރީން އެޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު މުހައްމަދު ނަޒީހު އާއެކު ނުކުމެ ކުޅުނު ފުރަތަމަ މެޗުގައި ޕޮއިންޓެއް ހޯދުމަކީ ރަނގަޅު ފެށުމެއް ކަމަށް އެކުލަބުން ދެކެއެވެ.
ވިކްޓަރީން ދެ މަސް ދުވަހަށް ފަހު ރަސްމީކޮށް ޕްރެކްޓިސް ފެށީ އާދިއްތަ ދުވަހުއެވެ. އެ ކްލަބުގެ ޗެއާމަން މުހައްމަދު އިސްމާއިލާއި ވައިސް ޗެއާމަން އަލީ އާރިފް ވަނީ އިސްތިއުފާ ދީފައެވެ.
މެޗަށް ފަހު ނިއުގެ ކޯޗު ނިއުގެ ކޯޗު ސޮބާ ބުނީ އެ ޓީމުގެ ވެސް ބައެއް ސީނިއާ ކުޅުންތެރިން ޕްރެކްޓިހަށް ނާންނާތީ އެންމެ އެދެވޭ ގޮތެއްގައި ޕްރެކްޓިސް ނުކުރެވޭ ކަމަށެވެ.
ކިތަންމެ އާދައިގެ ޓީމަކާ ދެކޮޅަށް ކުޅޭއިރު ވެސް އެވަރަށް މަސައްކަތް ނުކުރެވެންޏާ އޭގެ ފައިދާ ނުނެގޭނެ ކަމަށް ސޮބާ ބުންޏެވެ.
މުސާރައިގެ މައްސަލައަށް އިޝާރާތްކޮށް ސޮބާ ބުނީ އެފަދަ ކަންތައްތަކެއް އުޅުނަސް ކުޅުންތެރިން އަމިއްލަ ކެރިއަރަށް ވިސްނާފައި ވިޔަސް ރަނގަޅަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
ވިކްޓަރީގެ ކޯޗު ނަޒީހު ބުނީ މެޗަށް ފަހު މާޔޫސްވާން ޖެހެނީ ވިކްޓަރީ ކަމަށާއި ސަބަބަކީ ގެއްލުނީ އެ ޓީމުގެ އަތުގައި އޮތް ތިން ޕޮއިންޓް ކަމަށެވެ.
ނަޒީހު ބުނީ ބުނީ ބޭރުން ބަލާ މީހަކަށް ފެންނަ ފެނުމާ ހިލާފާށް ވިކްޓަރީގެ ހާލަތު އެހާ ގޯސް ނޫން ކަމަށެވެ.
މި މެޗުގެ ފުރަތަމަ އެގާރައިގައި ނިއުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އާއި އަކްރަމް އަބްދުލްގަނީ އާއި ބިދޭސީ ފޯވާޑް އަތުހިއޭ ކިޕްސަން ނުހިމެނެ އެވެ.