ބޭރު ފަރާތްތަކުގެ ބޮޑެތި އެހީތަކާ އެކު އަންހެން ފުޓްބޯޅަ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތް އަހަރުތަކުގައި ކުރާނެ ކަމަށް އެފްއޭއެމުން ބުނެފިއެވެ.
އަންހެން ފުޓުބޯޅަ ކުރިއަރުވަން އިތުރު މަސައްކަތްތަކެއް އެފްއޭއެމުން މި ފެށީ މިދިޔަ ދެ އަހަރެއްހާ ދުވަހު އެކަމަށް މާބޮޑު ކަންތައްތަކެއް ކުރެވިފައި ނެތުމުންނެވެ. އެގޮތުން މިދިޔަ އަހަރު އަންހެން ފުޓްބޯޅަ ލީގެއް ބާއްވަން މަސައްކަތް ކުރި ނަމަވެސް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން ކެންސަލްކުރީއެވެ.
އެފްއޭއެމުން މިހާރު ވަނީ ރާއްޖޭގެ އަންހެން ފުޓްބޯޅަ ކުރިއަރުވަން ޕްލޭނެއް އެކުލަވާލައިފައެވެ. އަދި އަންހެން ފުޓުބޯޅަ ތަރައްޤީ ކުރުމަކީ އެފްއޭއެމްގެ ވަރަށް ބޮޑު ޒިންމާއެއް ކަމަށް އެ އިދާރާއިން ދެކެއެވެ.
މުޅިން އާ ޕްލޭނެއް އެކުލަވާލަނީ ކުރިއަށް އޮތް ހަތަރެއް ނޫނީ ފަސް އަހަރު ތެރޭގައި އަންހެނުން މެދުގައި އެންމެ މަގުބޫލު ކުޅިވަރަކީ ފުޓްބޯޅަ ކަމަށް ހެދުމަކީ ވެސް އެފްއޭއެމްގެ އެއް އަމާޒެވެ.
ފާއިތުވެދިޔަ އަހަރު އަންހެން ކުޅުންތެރިންނަށް ހާއްސަކޮށްގެން ރަނގަޅު މުބާރާތެއް ބޭއްވިފައެއް ނުވެއެވެ. ސަރަހައްދީ މުބާރާތްތަކަށް ޓީމުތައް ދިޔައީ ގައުމީ ލެވެލްގައި ރަނގަޅު މެޗުތަކެއް ނުކުޅެއެވެ.
ފުޓު ބޯޅަ ކުރިއެރުވުމަށް ބޭނުންވާ ގިނަ ޕްރޮޖެކްޓްތަކަށް ބޭރުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެންދާ ކަމަށެވެ.
ޕްލޭންތަކެއް ހަދާފައި ވަނީ ފީފާ އާއި އޭއެފްސީ އަދި އޭގެ އިތުރުން ޔޫއެފާގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ކަމަށް އެފްއޭއެމް އިން ބުނެއެވެ.
ވަރަށް ބޮޑު ދެ ޕްރޮޖެކްޓެއް ޔުއެފާއިން މިހާރު ވެސް އެޕްރޫވް ކޮށްދީފި ކަމަށާއި އެއީ ވަރަށް ބައިވަރު އެހީ ކަމަށް އެފްއޭއެމުން ބުނެއެވެ.
އަންހެން ފުޓްބޯޅަ ޓީމުތައް ކުރިއެރުވުމަށް އެކި ލެވެލްގައި އެފްއޭއެމުން މަސައްކަތްކުރާނެ ކަމަށް މީގެ ކުރިން ވެސް ބުނެފައި ވެއެވެ.
އެގޮތުން މި ފަހަރު ބޫޓާނުގައި ކުރިއަށްދިޔަ 18 އަހަރުން ދަށުގެ އަންހެން ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ވާދަކުރިއެވެ.
އެ މުބާރާތުގައި ރާއްޖެ ކުޅުނު ދެ މެޗުން ބޫޓާނާއި އިންޑިއާ އަތުން ތަފާތު ބޮޑުކޮށް ވަނީ ބަލިވެފައެވެ.