ހުޅުމާލޭގައި އަޅާ ބައިނަލްއަގްވާމީ ފެންވަރުގެ ގައުމީ ފުޓުބޯޅަ އެކެޑަމީ މި އަހަރު ތެރޭގައި ފަށާނެ ކަމަށް އެފްއޭއެމް އިން ބުނެފިއެވެ.
ހުޅުމާލޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ޓްރެއިނިން ސްކޫލަކީ ސަރުކާރުގެ ޚަރަދުގައި އަޅައިދޭ ތަނެކެވެ. މިދިޔަ ޖުލައި 1ވަނަ ދުވަހު ގައުމީ އެކެޑަމީގެ ޕްލޭން އެފްއޭއެމް އިން މީޑިއާ އަށް ހިއްސާކުރިއިރު ރާވާފައި އޮތީ 90 ދުވަހުގެ ތެރޭގައި އެކެޑަމީގެ މަސައްކަތް ފެށުމަށެވެ.
އެމްއޭމް ހާމަކޮށްފައިވާ ގޮތުގައި 90 ދުވަހުގެ ތެރޭގައި އެކެޑަމީގެ މަސައްކަތް ފެށުމަށް ރާވާފައި ވިޔަސް މޫސުން ގޯސްވުމާއި ބައެއް ކަހަލަ ހުއްދަތައް ލިބުމުގައި ތާށިތަކެއް އުޅުމުން އެކަން ފެށޭ ގޮތް ނުވީއެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ ހުޅުމާލޭގައި އަޅާ ޓްރޭނިންގ ސެންޓަރުގެ މަސައްކަތުގެ ތެރެއިން ފޭސްވަންގެ މިއަހަރު ތެރޭގައި ފެށީގެންދާނެ ކަމަށެވެ.
ގައުމީ ފުޓްބޯޅަ އެކެޑަމީގެ މަސައްކަތް ކުރިއަށްދާނީ ދެ ފޭހަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފޭހުގައި ހިމެނެނީ އޮފީހަކާއި އެކޮމަޑޭޝަން ބްލޮކެއްގެ އިތުރުން ބޮޑު ޓާފް ދަނޑަކާއި ޖިމެއްގެ އިތުރުން ނަމާދުކުރާ ތަނެކެވެ.
މި އެކެޑަމީ ހަދަނީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން 13 އަހަރުން ފެށިގެން 17 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ހާއްސަކޮށް، އެއް ފަހަރާ 100 ކުދިންނަށް ތިބެވޭ ގޮތަށެވެ.
ފިރިހެން ކުދިންނަށް ހާއްސަކޮށްގެން ފުރަތަމަ މަސައްކަތް ފަށާއިރު، އެކެޑަމީގެ ކަންތައްތައް އޮންނާނީ ބޯޑިން ގޮތަށެވެ. އެ ގޮތުން ފުޓްބޯޅައިގެ އިތުރުން ކިޔެވުމުގެ ކަންތައްތައް ވެސް ކުރިއަށްދާނެއެވެ.
ބައްސާމް ވިދާޅުވީ ގައުމީ އެކެޑަމީގެ އެންމެ ބޮޑު ކަމަކަށް ވާނީ ރަނގަޅު ކުޅުންތެރިން ކްލަބްތަކާ ހަމައަށް ނޫނީ އުމުރުފުރާ ގައުމީ ޓީމުތަކަށް ހޮވައިގެން ކުރިއެރުވުން ކަމަށެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލްގަނީ (ސާންތީ) ވިދާޅުވީ ގައުމީ އެކެޑަމީ އަށް ކުޅުންތެރިން ނަގާނީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އަތޮޅުތަކުގައި ގާއިމްކުރާ ޑިވޮލޮޕްމަންޓް ސެންޓަރުގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ އެކެޑަމީތަކުންނާއި އަމިއްލަ އެކެޑަމީތަކުން ކަމަށެވެ.