ކ. މާލެ
|
9 އޮކްޓޯބަރ 2018 | އަންގާރަ 21:02
ގްރީން ސްޓްރީޓްސްގެ ބައެއް ކުޅުންތެރިން
ގްރީން ސްޓްރީޓްސްގެ ބައެއް ކުޅުންތެރިން
ގްރީން ސްޓްރީޓް
ދިރާގު ދިވެހި ޕްރިމިއަރ ލީގު
ގްރީން ސްޓްރީޓްސް އިން ޓީސީ ބަލިކޮށް ތާވަލުގެ 4 ވަނައަށް ޖެހިލައިފި
ގްރީން ސްޓްރީޓްސްގެ ދެ ލަނޑު ވެސް ޖަހައިދިނީ އަވީލާ

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބްގެ މައްޗަށް ކްލަބް ގްރީން ސްޓްރީޓްސް އިން ކާމިޔާބު ހޯދައިފިއެވެ.

ޕްރިމިއަރ ލީގުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ގްރީން ސްޓްރީޓްސް އިން ޓީސީގެ މައްޗަށް ކުރި ހޯދީ 2-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުން މޮޅުވެ، 13 ޕޮއިންޓް ހަމަކޮށް، ގްރީން ސްޓްރީޓްސް ތާވަލުގެ ހަތަރު ވަނައަށް އަރާފައިވާއިރު، ޓިސީ އަދި ވެސް އޮތީ 18 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޓީސީ އިން ގޯލް ޖަހާނެ ފުރުޞަތުތަކެއް ފަހިކުރި ނަމަވެސް އެއިން އެއްވެސް ފުރުޞަތެއް ގޯލަކަށް ބަދަލުކުރެވިފައެއް ނުވެއެވެ.

މި މެޗުގެ ފުރަތަމަ ގޯލު ޖަހާފައި ވަނީ ކޮލަމްބިއާ އަށް ނިސްބަތްވާ ގްރީން ސްޓްރީޓްސްގެ ފޯވާޑް އަވީލާއެވެ. އަވީލާ މި ގޯލު ޖަހާފައި ވަނީ ޓީސީގެ ކީޕަރު ކިރަން ކުމާރަށް ކޮންޓްރޯލް ނުވެ ދިޔަ ބޯޅައެއް ގޯލަށް ވައްދާލައިގެންނެވެ.

މެޗުގެ ދެ ވަނަ ހާފުގައި ވެސް ޓީސީ އިން ގްރީން ސްޓްރީޓްސްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި ނަމަވެސް ގްރީން ސްޓްރީޓްސްގެ ޒުވާން ކީޕަރު، އިބްރާހިމް ލަބާން ޝަރީފް ވަނީ ހުށިޔާރު ކަމާ އެކު މި ހުރިހާ ހަމަލާތައް ވެސް ދިފާއުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ގްރީން ސްޓްރީޓްސްގެ ދެވަނަ ގޯލު ވެސް ޖަހާފައި ވަނީ އަވީލާއެވެ.

ޓީސީ އިން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ މެޗުގެ 79 ވަނަ މިނިޓުގައި ނިޝާމް މުޙައްމަދެވެ. މި ގޯލު ޖެހިތާ މާ ގިނަ އިރުތަކެއް ނުވެ، ގްރީން ސްޓްރީޓްސްގެ މުހައްމަދު ސާއިފް ޓީސީގެ އަލީ އަޝްފާގް (ދަގަނޑޭ) އަށް ފައުލް ކުރުމުން ޓީސީއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ޖެހި މި ޕްނަލްޓީވެސް ގްރީން ސްޓްރީޓްގެ ކީޕަރު ލަބާން ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ގްރީން ސްޓްރީޓްގެ ކީޕަރު ލަބާނެވެ.

- ކޮމެންޓް