ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެއް އެވޯޑްކަމަށްވާ ބެލޮން ޑިއޯއަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ވޭލްސް އަދި ރެއާލްގެ ފޯވާޑް ގެރެތު ބޭލް އަދި އިންގްލެންޑްގެ ސްޓްރައިކަރ ހެރީ ކޭން ހިމެނިއްޖެއެވެ.
އުމުރުން 25 އަހަރުގެ ކޭން ވަނީ ރަޝިޔާގައި މިއަހަރު ބޭއްވި ވަރލްޑް ކަޕްގައި ސެމީ ފައިނަލާއި ހަމަޔަށް އިންގްލެންޑް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އަދި ގެރެތު ބޭލް ވަނީ ޗެމްޕިއަންސް ލީގު މިފަހަރު ރެއާލްއަށް ކާމިޔާބު ކޮށްދިނުމަށް ލިވަރޕޫލް ކޮޅަށް 2 ގޯލު ޖަހައިދީފައެވެ.
ފްރާންސް ފުޓްބޯލް މަޖައްލާއިން 1956 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެއަހަރެއްގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއަށްދޭ މިއެވޯޑަކީ ފުޓުބޯޅައިގެ ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.
މި އެވޯޑަށް 30 ކުޅުންތެރިޔަކު ނޮމިނޭޓްވާއިރު، މިހާތަނަށް 15 ކުޅުންތެރިއެއްގެ ނަން ވަނީ އާއްމުކޮށްފައެވެ. މި ލިސްޓަށް ނޮމިނޭޓްވާ ކުޅުންތެރިންގެ ނަންތައް އާއްމުކުރަނީ ފަހަރަކު 5 ނަމެއްގެ މަގުންނެވެ.
ބޭލްއާއި ކޭންގެ އިތުރުން މިހާތަނަށް ނަން އާއްމުކޮށްފައިވާ ކުޅުންތެރިންނަށް ބަލާއިރު މެންޗެސްޓަރ ސިޓީގެ ސްޓްރައިކަރ ސަރޖިއޯ އަގުއޭރޯ އަދި އެޓީމުގެ ކެވިން ޑި ބްރޫނީ އަދި ލިވަރޕޫލްގެ ކީޕަރު އެލިސަން އާއި އެޓީމުގެ ފޯވާޑު ރޮބަރޓް ފިރްމީނޯ ހިމެނެއެވެ. އަދި ޗެލްސީގެ އީޑެން ހަޒާޑް އާއި އެންގޯލޯ ކަންޓޭވެސް ހިމެނެއެވެ.
މިދިޔަ އަހަރު ބެލޮން ޑިއޯ ހޯދި ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ މިފަހަރުވެސް އެވޯޑަށް ވާދަކުރެއެވެ. ދާދި ފަހުން ރެއާލްއިން ޔުވެންޓަސްއަށް ބަދަލުވި ރޮނާލްޑޯއަށް ވަނީ ފަހަކަށް އައިސް ދަނޑުން ބޭރުގައި ބޮޑެތި މައްސަލަތަކަކާއި ކުރިމަތިވެފައެވެ.
ބެލޮން ޑިއޯ އެވޯޑަށް ނޮމިނޭޓްވެފައިވާކަމަށް މިހާތަނަށް އިއުލާންކޮށްފައިވާ 15 ކުޅުންތެރިންނަކީ؛
- ސަރޖިއޯ އަގުއޭރޯ - މެންޗެސްޓަރ ސިޓީ (އާޖެންޓީނާ)
- އެލިސަން - ލިވަރޕޫލް (ބްރެޒިލް)
- ގެރެތު ބޭލް - ރެއާލް މެޑްރިޑް (ވޭލްސް)
- ކަރީމް ބެންޒެމާ - ރެއާލް މެޑްރިޑް (ފްރާންސް)
- ކެވިން ޑި ބްރޫނީ - މެންޗެސްޓަރ ސިޓީ (ބެލްޖިއަމް)
- އެޑިންސަން ކަވާނީ - ޕީއެސްޖީ (އުރުގުއާއީ)
- ކޯޓޮއިސް - ރެއާލް މެޑްރިޑް (ބެލްޖިއަމް)
- ރޮބަރޓޯ ފިރްމީނޯ - ލިވަރޕޫލް (ބްރެޒިލް)
- ޑިއޭގޯ ގޮޑިން - އެތުލެޓިކޯ މެޑްރިޑް (އުރުގުުއާއީ)
- އެންޓޮއިން ގްރީޒްމަން - އެތުލެޓިކޯ މެޑްރިޑް (ފްރާންސް)
- އީޑެން ހަޒާޑް - ޗެލްސީ (ބެލްޖިއަމް)
- އިސްކޯ - ރެއާލް މެޑްރިޑް (ސްޕެއިން)
- ހެރީ ކޭން - ޓޮޓެންހަމް (އިންގްލެންޑް)
- އެންގޯލޯ ކަންޓޭ - ޗެލްސީ (ފްރާންސް)
- ކްރިސްޓިއާނޯ ރޮނާލްޑޯ - ޔުވެންޓަސް (ޕޯޗުގަލް)
މިހާތަނަށް އިއުލާންކޮށްފައިވާ ލިސްޓަށް ބަލާއިރު އެންމެ ގިނައިން ނޮމިނޭޓް ވެފައިވަނީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކުޅުންތެރިންނެވެ.
ބެލޮން ޑިއޯ އަށް ނޮމިނޭޓްވާ ކުޅުންތެރިން ކަނޑައަޅަނީ ފްރާންސް ފުޓްބޯލް މަޖައްލާއިންނެވެ. އަދި އެވޯޑް ލިބޭ ކުޅުންތެރިޔާ އަށް ވޯޓުލަނީ ދުނިޔޭގެ އެކި ޤައުމުތަކުގެ ނޫސްވެރިންނެވެ.
2008 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބެލޮން ޑިއޯ ހޯދަމުން ދިޔައީ އާޖެންޓީނާގެ ލިއޮނެލް މެސީ ނުވަތަ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
6 އަހަރު ވަންދެން ފީފާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި ބެލޮން ޑިއޯ އެއްކޮށްލައިގެން ދިނެވެ. އެހެންނަމަވެސް 2016 ވަނަ އަހަރު ފީފާއިން ވަނީ އެއްބަސްވުން އުވާލައި، ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފީފާއިން ވަކިން ދޭ ގޮތަށް ހަމަޖައްސާފައެވެ. މިއަހަރު އެވޯޑު ލިބުނީ ރެއާލްއަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފިލްޑަރ މޮޑްރިޗްއެވެ. ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑް މިއަހަރު ހޯދީ އޯލާންޑޯ ޕްރައިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ބްރެޒިލްގެ ފޯވަޑް މާތާއެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަނީ ބެލޮން ޑިއޯއަށް ނޮމިނޭޓްވާ އަނެއް 15 ކުޅުންތެރިންނަކީ ކޮން ބައެއްތޯ ބެލުމަށެވެ.