ޖަރުމަނުގެ ބަޔާން މިއުނިކް އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ނުލިބި ނިންމާލަން ޖެހިފައިވާއިރު އެ ޓީމުގެ ކޯޗު ނިކޯ ކޮވަޗަށް ޕްރެޝަރު ބޮޑުވެއްޖެއެވެ.
ޖަރުމަނުގެ ފުޓުބޯޅައިގައި ރަސްކަން ކުރަމުން އަންނަ ބަޔާން މިއުނިކް ހޮނިހިރު ދުވަހުގެ ރޭ ބަޔާން އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވަނީ ބޮރޫޝިއާ މޮންޗެންގްލަޑްބެކް އަތުން 3-0 އިން ބަލިވެފަ އެވެ.
މިއީ 2015 ވަނަ އަހަރުގެ މެއި މަހުގެ ފަހުން ލީގުގައި ޖެހިޖެހިގެން ދެ މެޗުން ބަޔާން ބަލިވި ފުރަތަމަ ފަހަރެވެ.
ބެޔާން އެންމެ ފަހުން ކުޅުނު ހަތަރު މެޗުން މޮޅެއް ނުލިބި ނިންމާލަން ޖެހުމުން ޕްރެޝަރު އެބައޮތް ކަމަށް ކޮވަޗް ވަނީ ބުނެފަ އެވެ.
މެޗުގެ ފުރަތަމަ 20 މިނިޓް ތެރޭ މޮންޗެންގްލަޑްބެކް އިން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު އަލެކްސަންޑަ ޕްލެއާ ޖެހިއިރު، އަނެއް ގޯލު ޖެހީ ލާސް ސްޓިންޑަލް އެވެ.
މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް މޮންޗެންގްލަޑްބެކްގެ ތިން ވަނަ ގޯލު ޖެހީ ޕެޓްރިކް ހާމަން އެވެ.
ބަޔާން މި ވަގުތު އޮތީ ކުޅުނު ހަތް މެޗުން 13 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. މި ހަފްތާގައި ލިޕްޒިގު ކުޅޭ މެޗުން މޮޅުވެއްޖެނަމަ ބަޔާން ހަޔަކަށް ވެއްޓޭނެއެވެ.
ލީގުގައި އެންމެފަހުން އައުގްސްބާގް އާއި ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު ހާތަ ބާލިން އަތުން ބަޔާން ވަނީ 2-0 އިން ބަލިވެފައެވެ. މީގެއިތުރުން މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގައި އަޔަކެސްއާ ބައްދަލުކޮށް ބަޔާން ވީ 1-1 އިން އެއްވަރެވެ.